ޚަބަރު

ސުލްޙައިގެ ވާހަކަތަކާ ގުޅޭ މަޝްވަރާތަކަށް ޕާކިސްތާންގެ ބޮޑުވަޒީރު ހުޅަނގު އޭޝިޔާއަށް


ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބުރަކަށް މަގުފަހިކުރެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި ތުރުކީވިލާތަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ. މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންތަލްޔާ ޑިޕްލޮމަސީ ފޯރަމްގެ ހަވާސާގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިސްލާމްއާބާދުގައި މަޝްވަރާތައް އަލުން ފެށިދާނެކަމުގެ އިޝާރާތެއް ދެއްވައި، މި ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޢާޞިމް މުނީރު އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކުރައްވާފަައެވެ. މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމެއް ބޭއްވިދާނެ ކަމުގެ އުންމީދު އައުވެފައި މި ވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއާއި އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފްއާ ދެމެދު ކުރެވުނު 21 ގަޑިއިރުގެ މަޝްވަރާތައް އެދެވޭ ނަތީޖާއަކާ ނެތި ނިމިފައިވަނިކޮށެވެ.

އެޕްރީލު 22 އާ ހަމައަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އީރާނާއި އެމެރިކާއިން ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ޕާކިސްތާންގެ ރައީސް އާޞިފް ޢަލީ ޒަރްދާރީ ވަނީ ބޮޑުވަޒީރު ޝަރީފަށް ބާރުއަޅުއްވާފައެވެ. ނަމަވެސް، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނާއި އެމެރިކާއިން ހުރަސްއަޅަމުން ދިޔުމާ އެކު، އެމެރިކާއިން ވަނީ އީރާންގެ ބަނދަރުތައް ވަށައިލާ، އީރާނަށް ދަތުރުކުރާ އަދި އެ ޤައުމުން ފުރާ އުޅަނދުފަހަރަށް ހުރަސް އެޅުމަށް ޙިޞާރެއް ތަންފީޒުކުރަން ފަށާފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.