ޚަބަރު

ބޯންމަތު އަތުން ބަލިވެ އާސެނަލް އަށް ނުތަނަވަސްކަން!


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް ތާވަލުގެ ކުރީގައި އޮތް އާސެނަލް ކުޅުނު މެޗުން 1-2 ގެ ނަތީޖާއަކުން އާސެނަލް ބަލިވެއްޖެ އެވެ.

މި މެޗުން އާސެނަލް ބަލިވުމާއިއެކު ލީގު ޗެމްޕިއަންކަން ހޯދުމަށް އެ ޓީމުން ކުރަމުންދާ މަސައްކަތަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ. އާސެނަލް އަށް 32 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ދެ މެޗު މަދުން ކުޅެގެން ވަނީ 61 ޕޮއިންޓް ހޯދާފަ އެވެ. އެހެންކަމުން އެ ޓީމު ދެން ކުޅޭ ދެ މެޗު ކާމިޔާބުކޮށްފިނަމަ އާސެނަލް އާއި ދެމެދުވާ ފަރަގު 3 ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީވެސް ބޯންމަތުއިންނެވެ. ބޯންމަތުއިން ލަނޑު ޖަހާފައިވަނީ މެޗުގެ 17 ވަނަ މިނިޓުގައި ޖޫނިއަރ ކްރޫޕީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އާސެނަލް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 35 ވަނަ މިނިޓުގައި ބޯންމަތުގެ ރަޔާން ކްރިސްޓީ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ރެފްރީ އާސެނަލްއަށް ދިން ޕެނަލްޓީ އިން ވިކްޓަރ ގިޔޮކޯރެސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ވަނީ އެ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެބެރިޗޭ އެޒޭ އާއި ލިއަންދްރޯ ޓްރޮސާޑްގެ އިތުރުން މެކްސް ޑައުމަން ވަނީ ދެވަނަ ހާފުގައި ކުޅެން އަރުވާފަ އެވެ.

މިކޭލް އާޓޭޓާ ޓީމަށް ބަދަލުތަކެއް ގެނައި ނަމަވެސް ބޯންމަތުގެ އެލެކްސް ސްކޮޓް ވަނީ މެޗުގެ 74 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.