ޔަހޫދީންގެ ނިރުބަވެރި ފައުޖުތަކުން ލުބްނާނަށް އަދިވެސް ޙަމަލާތައް ދެމުންދާތީ، އެމެރިކާ އާއެކު މާދަމާ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށުމަށް ހަމަޖެހިފައިވާ ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާން އީރާނުން ދެކޮޅު ހަދަން ފަށައިފިއެވެ.
ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އީރާނަށް ހުއްޓުމެއްނެތި ދެމުންދިޔަ ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް ޙިޒްބުﷲއިން ވަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކަށް އަމާޒުކޮށް ޙަމަލާތައް ދޭން ފަށައިފައެވެ.
އެކަމުގެ ރައްދުގައި ޔަހޫދީން ވަނީ ލުބްނާނަށް ބޮން އެޅުމުގެ އިތުރުން، ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އެއްގަމުންވެސް ވަދެގެންފައެވެ.
އީރާނަށް ދެކޮޅަށް ފެށި ޢުދުވާނަށް ގާތްގަނޑަކަށް ހަ ހަފްތާ ފަހުން، ޕާކިސްތާނުން މެދުވެރިވެގެން ޙަމަލާތައް ހުއްޓައިލަން އެއްބަސްވިކަން އިޢުލާނުކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަޙްބާޒް ޝަރީފް ވިދާޅުވީ، މެދުއިރުމަތީގެ ހުރިހާ ސަރަޙައްދެއްގައި ޙަމަލާތައް ހުއްޓައިލަން އެއްބަސްވެފައިވާ ކަމަށެވެ.
ނަމަވެސް، އެކަމަށް އިންކާރުކޮށް ޔަހޫދީން އަދިވެސް ދަނީ ލުބްނާނަށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އެއާ އެކު، އެމެރިކާއިން ވެސް ވަނީ ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގައި ލުބްނާނު ނުހިމެނޭކަމަށް ބުނެފައެވެ.
ނަމަވެސް، އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގައި ލުބްނާނު ވެސް ހިމެނޭ ކަމަށެވެ. އަދި ލުބްނާނަށް ދެމުންދާ ޙަމަލާތައް ހުއްޓައިނުލާނަމަ، ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނެސް ސުލްޙަ ޤާއިމުކުރުމަށް އެމެރިކާ އާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިނުވާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
ލުބްނާނަށް ޙަމަލާ ދެމުންދަނީ، ސުލްޙައިގެ މަޝްވަރާތަކަށް ހުރަސްއެޅުމަށް ޔަހޫދީންގެ ހީލަތްތެރި ރޭވުމުގެ ތެރެއިން ކަމަށް ވެސް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.