ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދިޔަ ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލުމަށް އެއްބަސްވުމަކީ، އީރާންގެ ސަރުކާރާއި ރައްޔިތުންގެ ނުގުޑާފަދަ ސާބިތުކަމާއި، ކެތްތެރިކަމުގެ އިތުރުން ސިފައިންގެ ހިތްވަރުގަދަކަމަށް ލިބުނު މަތިވެރި ނަޞްރެއްގެ ގޮތުގައި އެ ޤައުމުގެ އިސްވާރުން ސިފަކުރައްވައިފިއެވެ. ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ފެށްޓެވި ހަނގުރާމަ ދެ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލައްވާފައިވާ ކަން އޭނާ އިޢުލާނު ކުރެއްވީ އޭޕްރިލް 8 ވަނަ ދުވަހުއެވެ.
އީރާން ސަރުކާރުގެ އިސްވާރުން ވިދާޅުވީ، ތެހްރާނުން ހުށަހެޅި 10 ޝަރުޠުގެ މައްޗަށް ބިނާކޮށް ދެ ޤައުމުގެ ދެމެދުގައި ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޓްރަމްޕް ނިންމެވުމަކީ އީރާންގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމުގައެވެ. އަދި، މިއީ ހަނގުރާމައިގައި އީރާނުން އެދޭ މިސްރާބަށް ކަންކަން ނިމިގެންދިޔަ ކަމުގެ އަލިގަދަ ހެއްކެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއްވިއެވެ.
ދެ ފަރާތުގެ ދެމެދުގައި އޮތް ޚިޔާލުތަފާތުވުންތަކުގެ ބޮޑުބައެއް ޙައްލުކުރެވިފައިވާ ކަމަށް ޓްރަމްޕް އިޢުތިރާފުވެ ވަޑައިގަތުމަކީ، އީރާންގެ ސިޔާސީ އަދި އަސްކަރީ ބާރުވެރިކަން ދުނިޔޭގެ ކުރިމަތީގައި އިތުރަށް ކަށަވަރުވެގެންދިޔަ ކަމެއް ކަމުގައި ވެސް އީރާން ސަރުކާރުގެ އޮފިޝަލުން ވިދާޅުވިއެވެ. އީރާން ސަރުކާރުގެ ބަސްމަގުން ހާމަވަނީ، މި ކާމިޔާބީއަކީ ހަމައެކަނި ސިޔާސީ ނިންމުމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، މިއީ މުޅި ޤައުމުގެ އެއްބައިވަންތަކަމާއި، ހަތިޔާރު އެޅި ބާރުތަކުން ދެއްކި ކެރުމާއި ހިތްވަރުގެ ނަތީޖާއެއްގެ ގޮތުގައި އީރާންގެ އިސްވާރުން ޤަބޫލުކުރައްވާ ކަން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
އަދި، ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާންގެ އިސްވާރުން ޝަހީދުކޮށްލައިގެން، ވެރިކަމުގެ ނިޒާމު މުގުރައިލުމަށް އެމެރިކާއާއި ޞަހްޔޫނީން ރޭވި ރޭވުންތައް މުޅިން ފޭލުވެފައިވާ ކަމަށް އީރާން ސަރުކާރުން ޤަބޫލުކުރާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި، ފާއިތުވި ހަފުތާތަކުގައި ފެނިގެންދިޔަ ވަރުގަދަ ކުރިމަތިލުންތަކުން ސާބިތުވީ، ކޮންމެ ފަދަ ޙަމަލާއަކުން ވެސް އީރާން ދިފާޢުކޮށް، ނުގުޑާފަދަ އަޒުމެއްގައި ދެމިއޮތުމުގެ ފުރިހަމަ ޤާބިލުކަން އެ ޤައުމަށް ލިބިގެންވާ ކަން ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.