ޚަބަރު

އީރާނާއި އެމެރިކާއިން ހުކުރު ދުވަހު އިސްލާމްއާބާދުގައި މަޝްވަރާތައް ފަށަނީ


އީރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ މައްޗަށް ބިނާކޮށް، އެމެރިކާއާއެކު ސުލްޙައިގެ މަޝްވަރާތައް އޭޕްރިލް 10 ވަނަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށުމަށް އީރާނުން އެއްބަސްވެއްޖެއެވެ. އީރާނުން ސުލްޙައިގެ މަޝްވަރާތަކަށް އެއްބަސްވެފައި މި ވަނީ، އެ ޤައުމުގެ "ޙަޟާރަތު" ނެތިކޮށްލުމަށް ދެއްވި އިންޒާރު މަޑުޖައްސަވައިލައްވައި، ދެ ހަފުތާގެ މުއްދަތަކަށް ޙަމަލާތައް މެދުކަނޑައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެ ވަޑައިގެންނެވުމުންނެވެ.

އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ބުނީ، މަޝްވަރާތައް ކުރިއަށްދާނީ ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް ދިނުމާއި، އެމެރިކާގެ އިސްތިޢުމާރީ ސިފައިން ގަލްފް ޢަރަބި ޤައުމުތަކުން ބޭލުމަށް ގޮވައިލާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ކަމުގައެވެ. މީގެ އިތުރުން، އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހާއި އެމެރިކާއިން އަޅާފައިވާ އެންމެހައި ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށާއި، ހަނގުރާމައިގެ ބަދަލު ދިނުމަށް ވެސް އީރާނުން ވަނީ ޝަރުޠުކޮށްފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނުގެ މި ހުށަހެޅުންތަކަކީ މަޝްވަރާ ކުރެވިދާނެ އަސާސެއް ކަމަށާއި، މިހާރު ވެސް ގިނަ ކަންތައްތަކަކަށް އެއްބަސްވެވިފައިވާ ކަމުގައެވެ.

އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އީރާނަށް ދޭ ޙަމަލާތައް ހުއްޓާލައިފިނަމަ ދިފާޢީ ޙަމަލާތައް މެދުކަނޑައިލައްވާނެ ކަމުގައެވެ. އަދި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ހުރަސްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމުގައެވެ. ދެ ފަރާތުގެ ދެމެދުގައި ބާއްވާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ނިންމި ނިންމުމަށް މަރުޙަބާ ދަންނަވައި، ލުބްނާނާއި އެނޫންވެސް ސަރަޙައްދުތަކުގައި ވަގުތުން ޙަމަލާތައް ހުއްޓައިލުމަށް ގޮވައިލައްވާފައެވެ.

އެމެރިކާއާއެކު މަޝްވަރާކުރުމަށް އީރާނުން އެއްބަސްވެފައިވީ ނަމަވެސް، އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި، ދުޝްމަނުންގެ ފަރާތުން ކިތަންމެ ކުޑަ ގޯހެއް ފެނުނު ނަމަވެސް ފުރިހަމަ ބާރާއެކު ރައްދުދޭން ތައްޔާރަށް އޮތް ކަމުގައި އީރާންގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ހާމަކުރިއެވެ. ހަނގުރާމައިގެ ތެރެއިން ދީފައިވާ ރައްދު ޙަމަަލާތަކުގައި އީރާނުން ވަނީ ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ މަރުކަޒުތަކާއި ޞަހްޔޫނީ ދައުލަތުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، އެމެރިކާ ސިފައިންގެ 13 މީހުންނާއި ޔަހޫދީންގެ 26 މީހުން މަރައިލާފައެވެ. އީރާނުން ޒަޚަމުކޮށްލާފައިވާ އެމެރިކާ ސިފައިންގެ އަދަދު 200 އުފުލިފައިވާއިރު، ޔަހޫދީންގެ 7,183 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.