ޚަބަރު

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ބުނީ ނޫނެކޭ


ފަސް ހަފްތާއަށް ދެމިގެން ގޮސްފައިވާ މެދުއިރުމަތީ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން މެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުން ބަލައިނުގަތުމަށް އީރާނުން ނިންމައިފިއެވެ.

ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުމަށް އަދި ހުރުމުޒު ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ބާރު ދޫކޮށްލުމަށް އެމެރިކާއިން ދަނީ އީރާނަށް އިންޒާރު ދެމުންނެވެ. 48 ގަޑިއިރުގެ ތެރޭގައި އީރާނުން އެ ގޮތަށް ޢަމަލު ނުކޮށްފި ނަމަ އެމެރިކާގެ ބާރު އީރާނުގެ މައްޗަށް ދައްކާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ. އެ ވަގުތު ހަމަވާނީ ބުދަ ދުވަހު، މާލެ ގަޑިން ހެނދުނު ހައެއް ޖަހާއިރެވެ.

އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުން އީރާނުން ނިންމާފައިވާ ނިންމުން އެ ޤައުމުން ވަނީ ޕާކިސްތާނާ ޙިއްޞާކޮށްފައެވެ. އީރާނުން ބުނީ އެ ޤައުމުން ބޭނުންވަނީ ދާއިމީ ގޮތަކަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރުން ހުއްޓައިލާ އެއްބަސްވުމެއްގެ ދަށުން އަވަސް ގޮތަކަށް ހުރުމުޒު ކަނޑުއޮޅި ހުޅުވައިލުމަށް ވެސް އެ ޤައުމުން ވަނީ ދެކޮޅުހަދައިފައެވެ.

އީރާނުން ދިން ޖަވާބުގައި 10 މާއްދާއެއް ހިމަނާފައިވެއެވެ. އެ ގޮތުން ސަރަޙައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި، ހުރުމުޒު ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ޕްރޮޓޮކޯލެއް އެކުލަވާލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހަނގުރާމައަށް ފަހު އީރާން އަލުން ބިނާކުރުން ހިމެނެއެވެ.