ޚަބަރު

އީރާންގެ 30 އަށްވުރެ ގިނަ ޔުނިވަރސިޓީއަށް އެމެރިކާއިން ބޮންއަޅައިފި


ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ދަށުން އެ ޤައުމުގެ މަދަނީ ބިނާރާއި ތަޢުލީމީ މަރުކަޒުތަކަށް ދެމުންގެންދާ ނިރުބަވެރި ޙަމަލާތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގެ މުހިންމު ބިނާތަކަށް ދެމުންދާ ގެއްލުންތައް އިތުރަށް ފުޅާކުރަމުން އެބަދެއެވެ. ޔަހޫދީންނަށް ވާގިވެރިވުމުގެ ގޮތުން އީރާނާ ދެކޮޅަށް ޓްރަމްޕް އިސްވެ ހަނގުރާމަ ފެށްޓެވީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ.

ހަނގުރާމައިގެ މިހާތަނަށް އީރާންގެ 30 ޔުނިވަރސިޓީއަކަށް ޙަމަލާތައް އަމާޒުކޮށްފައިވާ ކަމުގައި އެ ޤައުމުގެ ރަސްމީ އިދާރާތަކުން ހާމަކުރިއެވެ. މީގެ ތެރޭގައި ވެރިރަށް ތެހްރާންގެ އެންމެ މުހިންމު އެއް މަތީ ތަޢުލީމީ މަރުކަޒުގައި ހުންނަ ދިރާސާކުރާ މަރުކަޒަކަށް ދިން ނުރައްކާތެރި ޙަމަލާއެއްގައި އެ ތަން ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ.

އީރާނުގެ ސައިންސާއި ޓެކްނޮލޮޖީއާ ބެހޭ ވަޒީރު ޙުސައިން ސީމާޔީ ޞަރާފް ވިދާޅުވީ، ތަޢުލީމީ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ބޭނުމަކީ އީރާންގެ ޢިލްމީ ޤާބިލުކަން ނައްތައިލުން ކަމުގައެވެ. އަދި، މި ޙަމަލާތަކަކީ އީރާން "އިހު ޒަމާނަށް" ވައްޓައިލައްވާނެ ކަމުގައި ވިދާޅުވެ ޓްރަމްޕް ދެއްވާފައިވާ އިންޒާރުގެ އަމަލީ ސިފަ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. މި ހަނގުރާމައިގެ ތެރޭގައި އީރާންގެ އެތައް ސައިންޓިސްޓުންނެއް ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ޔުނިވަރސިޓީގެ ލެބޯޓަރީތައް ހިންގުމުގައި އިސްކޮށް އުޅުއްވި ނިއުކްލިއަރ ސައިންޓިސްޓުން ހިމެނެއެވެ.

ޔުނިވަރސިޓީތަކުގެ އިތުރުން، އެމެރިކާއާއި ޔަހޫދީންގެ ޙަމަލާތައް ވަނީ ސިއްޙީ ދާއިރާއާއި ޢާންމު ޚިދުމަތްތަކަށް ވެސް އަމާޒުކޮށްފައެވެ. ތެހްރާންގައި ހުންނަ ވެކްސިން އުފައްދާ މަރުކަޒަކަށާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލަކަށް ދިން ހަމަލާތަކާ ގުޅިގެން، އެ ތަންތަނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ (ޑަބްލިޔުއެޗްއޯ) ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވީ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އީރާންގެ ސިއްޙީ ޚިދުމަތްދޭ 20 އަށްވުރެ ގިނަ ތަނަކަށް ޙަމަލާތައް އަމާޒުކޮށްފައިވާ ކަމުގައެވެ.

އިޤުތިޞާދީ ގޮތުން އީރާނަށް ދަތިކުރުމަށް ޓަކައި އެ ޤައުމުގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، ޢާންމުން ދަތުރުފަތުރުކުރާ ބުރިޖުތަކަށް ވެސް އެމެރިކާއާއި ޔަހޫދީން ދަނީ ބޮން އަޅަމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް 2,076 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އީރާންގެ ނިއުކްލިއަރ ހަކަތަ އުފައްދާ މަރުކަޒުތަކާއި އިންޖީނުގެތަކަށް އަމާޒުކުރަމުންދާ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ޤާނޫނީ މާހިރުން ފާހަގަކުރެއެވެ.