މިއަދު ކުރިއަށްދާ ވޯޓާ ގުޅިގެން މިހާތަނަށް ބޮޑު ޝަކުވާތަކެއް ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޒާހިދު ވިދާޅުވީ މެންދުރު 14:00 ޖެހުމާ ހަމައަށް %44 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ. މިއީ ވަރަށް ރަނގަޅު އަދަދެއް ކަމަށާއި އަދިވެސް ވީހާވެސް ގިނަ ރައްޔިތުން މި ވޯޓުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ޒާހިދު ވިދާޅުވީ މިހާތަނަށް ވޯޓުލުމުގެ ކަންކަން ގިނަ ފޮށިތަކުގައި ކުރިއަށްދަނީ އަމާންކަމާއެކުގައި ކަމަށެވެ. ބައެއް މަރުކަޒުތަކުން ކުދި ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށާއި އެކަންކަން ހައްލު ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މާބޮޑު ޝަކުވާތަކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައި ހުރި ވޯޓުފޮށިތަކުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެކަން ފާހަގަކުރައްވައި ޒާހިދު ވިދާޅުވީ އެ ވަގުތުގެ ކުރިން ކިޔުއަށް އެރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ކިޔޫ ބަންދު ކުރާނެ. އެހެންވީމަ އަޅުގަނޑު އެދޭ އެދުމެއް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް މިއަދު ހަވީރު 4 ޖަހަންވާއިރަށް ކިޔޫއަށް އަރުއްވައިދެއްވާށޭ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މިއަދުގެ އިންތިޚާބުތަކުގައި ވޯޓު ލުމުގެ ޙައްގު 294،876 މީހަކަށްވަނީ ލިބިފައެވެ. އެއީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.
އާންމުންނަށް ވޯޓުލެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 588 ވޯޓު ފޮށިވަނީ ބަހައްޓާފައެވެ.