ޚަބަރު

އީރާނުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓައިލައިފި


ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމަ ފަސްވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، އީރާނުން އެމެރިކާގެ އެފް-15އީ މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓައިލާފައިވާ ކަން ހާމަވެއްޖެއެވެ. އެ ބޯޓު ދޫކޮށް ފުންމައިލި ކަމަށް ބެލެވޭ ދެ ފަޅުވެރިންގެ ތެރެއިން އެކަކު ސަލާމަތް ކުރެވިފައިވާ ކަން ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ މަޞްދަރަކުން ވަނީ މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ. ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިއީ ފެބުރުވަރީ 28 ގައި ހަނގުރާމަ ފެށިފަހުން ހިނގި މި ފަދަ ފުރަތަމަ ހާދިސާއެވެ.

މަތިންދާބޯޓާއެކު ގެއްލިފައިވާ ދެވަނަ ފަޅުވެރިޔާ ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަންގައި ބައިވެރިވި ބްލެކްހޯކް މަރުކާގެ ދެ ހެލިކޮޕްޓަރަކަށް އީރާނުގެ ޙަމަލާތައް އަމާޒުވި ނަމަވެސް، އެ އުޅަނދުތައް ވަނީ ސަލާމަތުން އީރާންގެ ވައިގެ ސަރަޙައްދުން ބޭރުވެފައެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ، ގެއްލިގެން ހޯދަމުންދާ އެމެރިކާ ސިފައިންގެ މީހާ ހޯދުމުގައި ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި، އެ މީހާ ހޯދާ ފަރާތަކަށް އިނާމެއް ދިނުމަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، ކުވަޔިތުގެ ވައިގެ ސަރަޙައްދުން އެމެރިކާގެ އޭ-10 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ވަނީ ވެއްޓިފައެވެ. އަދި، ޕަރޝިޔަން ގަލްފު ކަނޑުގެ ސަރަޙައްދަށް އެމެރިކާގެ އަސްކަރިއްޔާގެ އެހެން މަތިންދާބޯޓެއް ވެއްޓިފައިވެއެވެ. އެ މަތިންދާބޯޓު ވެއްޓެން މެދުވެރިވި ސަބަބު ހާމަކޮށްފައިނުވާއިރު، އޭގައި އިން ޕައިލެޓު ސަލާމަތް ކޮށްފައިވާ ކަމުގައި އެމެރިކާގެ ނޫސްތަކުން ރިޕޯޓުކުރިއެވެ.

އީރާނުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓައިލާފައި މި ވަނީ، އެ ޤައުމުގެ އަސްކަރިއްޔާ ބަލިކަށިކޮށްލެވިފައިވާ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ، އެ ޤައުމު "އިހު ޒަމާނަކަށް" ފަހަތަށް ޖައްސައިލައްވާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ. ނަމަވެސް، އީރާންގެ މިސައިލް ޙަމަލާ ދިނުމުގެ ޤާބިލުކަން އަދިވެސް ވަރުގަދަކޮށް އޮތް ކަމުގައި އެމެރިިކާގެ ޖާސޫސީ ރިޕޯޓުތަކުން ހާމަވެއެވެ.

ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 13 ސިފައިން މަރުވެ، 300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. ތެލުގެ އަގު އުފުލި ދުނިޔޭގެ އިޤުތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، އެމެރިކާގެ ތިންބައިކުޅަ ދެބައި ރައްޔިތުން ބޭނުންވަނީ މި ހަނގުރާމަ އަވަހަށް ނިމުމަކަށް ގެނައުމަށެވެ. މި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ޓްރަމްޕަށް އޮތް މަޤުބޫލުކަން ވެސް ވަނީ އިންތިހާއަށް ދަށްވެފައެވެ.