ޚަބަރު

އެފޯޑަބަލް ހައުސިން: އަގުހެޔޮ، ޒަމާނީ ބޯހިޔާވަހިކަމުގެ މުހިންމު މަސައްކަތެއް


  • 1,190 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބީޔޫސީޖީއަށް

  • ބޯހިޔާވަހިކަމަކީ އުފާވެރި ދިރިއުޅުމެއްގެ ބިންގާ ކަމަށް ވިދާޅުވި

އެފޯޑަބަލް ހައުސިންގ މަޝްރޫޢަކީ ރައްޔިތުންނަށް ރައްކާތެރި، ޒަމާނީ އަދި އަގުހެޔޮ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕުގެ ޗެއަރމަންގެ ސްޕެޝަލް އެންވޯއީ ޖަންގ-ޝިއާއޯ-ޝުއެން ވިދާޅުވެއްޖެއެވެ.

ސްޕެޝަލް އެންވޯއީ ޖަންގ މިހެން ވިދާޅުވީ ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 1,190 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީޔޫސީޖީ ގްރޫޕުގެ ޗެއަރމަންގެ ސްޕެޝަލް އެންވޯއީ ޖަންގ-ޝިއާއޯ-ޝުއެން ވިދާޅުވީ، ބޯހިޔާވަހިކަމަކީ އުފާވެރި ދިރިއުޅުމެއްގެ ބިންގާ ކަމަށާއި، މިމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރުގަދަ ލީޑަޝިޕްގެ ދަށުން ކުރިއަށްގެންދާ ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތާ ފުރިހަމައަށް ގުޅޭ މަޝްރޫއެއް ކަމަށެވެ.

ޗެއަރމަންގެ ސްޕެޝަލް އެންވޯއީ ޖަންގ ވިދާޅުވީ، މިއީ ހަމައެކަނި ނަމަކަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށާއި، މިއީ ރައްޔިތުންނަށް ރައްކާތެރި، ޒަމާނީ އަދި އަގުހެޔޮ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

މިމަޝްރޫއުގެ ސަބަބުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ އަގުތަކަށް ލުޔެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބީޔޫސީޖީން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރުން އެކުންފުންޏަށް ކުރާ އިތުބާރާއި ދޭ އެއްބާރުލުމަށް ޗެއަރމަންގެ ސްޕެޝަލް އެންވޯއީ ޖަންގ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބީޔޫސީޖީން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ މުހިންމު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އާއި، ދުނިޔޭގެ ފެންވަރުގެ ސީޕްލޭން ޓާމިނަލްގެ އިތުރުން މާވަރު އެއާޕޯޓަކީ އެ ކުންފުނީގެ އިންޖިނިއަރިންގެ ކާމިޔާބީތައް ކަމަށެވެ. މިމަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބި، އެތައް ހާސް ވަޒީފާއެއް އުފެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތުން ދިވެހި ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި ދިރިއުޅުމުގެ ފަސޭހަކަމުގެ ގޮތުން ހަގީގީ މަންފާތަކެއް ލިބިފައިވާކަން އެނގުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" ޗެއަރމަންގެ ސްޕެޝަލް އެންވޯއީ ވިދާޅުވިއެވެ.

ހުޅުމާލޭގައި އިމާރާތްކުރާ 1،190 ހައުސިންގ ޔުނިޓުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއަށެވެ. ބީޔޫސީޖީއަކީ ބައިނަލްއަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައްވެސް މީގެ ކުރިންވެސް ކާމިޔާބު ކަމާއެކު ހިންގާފައިވާ ކުންފުންޏެކެވެ.