ޚަބަރު

ގިރާވަރު ފަޅު ހިއްކުން ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި


  • އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

  • ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިރާވަރު ފަޅުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

މި މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. ގިރާފަރު ފަޅު މަޝްރޫޢުގައި ޖުމުލަ 167.15 ހެކްޓަރުގެ ބިން އެ ފަޅުން ހިއްކައެވެ.

އެމްއޭސީލްއިން މި މަސައްކަތް ކޮންޓްރެކްޓްކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ސީއެމްސީސީއާ ހަވާލުކޮށްގެންނެވެ. އަދި މަޝްރުޢޫގެ ބިން ހިއްކުމުގެ މަސައްކަތް ގެންދަނީ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ހިމެނޭހެން ސަރުކާރުގެ ބައެއް ވަޒީރުންނާއި، އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތުގެ އެންމެފަހުގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އަންނަމަހަށް ނިންމައި، ޖޫންމަހު ގޯތި ދޫކުރަން ފެށޭނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓް މި ސަރުކާރަށް ވާރުތަވިއިރު، މުޅި މަޝްރޫޢުގައި ނިމިފައިވަނީ ފޭސް 1ގެ 167.15 ހެކްޓަރުގެ ތެރެއިން %41.8 މަސައްކަތެވެ. އެއީ 70 ހެކްޓަރުގެ ބިމެވެ. އެމްއޭސީއެލްއާ ހަވާލުކޮށް 97.15 ހެކްޓަރުގެ ބިން ވަނީ ހިއްކަން ހަވަލުކޮށްފައެވެ.

މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް، މިހާރު މިވަނީ ބާރު ދުވެލީގައި އަލުން މަސައްކަތް ފަށާފައެވެ. އެގޮތުން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އަލުން މި މަސައްކަތް ފަށާފައިވާއިރު، އެމްއޭސީއެލްއިން މިހާރު މިވަނީ ޖުމުލަ 105 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. އެއީ ފޭސް 1ގެ %62.8 މަސައްކަތެވެ.

ގިރާވަރު ފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 97.15 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމުގެ މަސައްކަތްވެސް ހިމެނެއެވެ. އެ މަސައްކަތުގެ ނިމިފައިވަނީ %36ގެ މަސައްކަތެވެ.

އެމްއޭސީއެލްއިން މަސައްކަތް ކުރަމުންދަނީ ބިން ހިއްކުމުގެ މަސައްކަތް އޭޕްރިލް މަހުގެ 30ގެ ނިޔަލަށް ނިންމުމަށެވެ. މި މަޝްރުޢުގައި ބޭނުންކުރަނީ ދުނިޔޭގައިވެސް ބިން ހިއްކުމަށް ބޭނުންކުރާ އެންމެ ބޮޑެތި އުޅަނދުތަކެވެ. އެއީ އެއީ 35،000 ކިއުބިކް މީޓަރުގެ ވެލި އެޅޭ، ކުއީންސް އޮފް ދި ނެދަލޭންޑްސް އަދި 24،000 ކިއުބިކް މީޓަރުގެ ވެލި އެޅޭ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރެވެ.

މަސައްކަތް ހަލުވިކޮށް، ދެ ޑްރެޖަރު ހިމެނޭހެން ދުވާލަކު 100،000 ކިއުބިމް މީޓަރުގެ ވެލި އެ ސަރަޙައްދަށް އަޅާއެވެ. ގިރާވަރު ފަޅަކީ ނިމިދި ދިޔަ ސަރުކާރުގައި، އެ ސަރުކާރުގެ ވެރިކަމުގެ ތެރޭގައި ގޯތި ދޭން ވަޢުދުވި މަޝްރޫޢުއެކެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އެކަށީގެންވާގޮތުގައި ކުރިއަށް ގެންދެވިފައި ނުވާއިރު، ގޯތި ދޫކުރީ ކަނޑުގައި ރޮނގު އަޅައިގެނެވެ. އަދި ރަނގަޅު ލޭންޑް ޔޫސް ޕްލޭނެއްވެސް ނެތެވެ. މިއީ އެ މަޝްރޫޢުގައި ގޯތި ލިބުނު މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. އިތުރުކުރި 113 ހެކްޓަރާއެކު، ބިން ހިއްކުމުގެ މި މަޝްރޫޢު އަލުން މި ކުރިއަށްގެންދަނީ މި ސަރުކާރުގައެވެ.

ނިމިދިޔަ ސަރުކާރުގައި ވަނީ ގިރާވަރު ފަޅުން 5000އަށްވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމާ، ލިބޭ މީހުން ކަނޑައަޅާފައެވެ. ނަމަވެސް އެއްވެސް ގޯއްޗެއް ހަވާލުކޮށްފައެއް ނުވެއެވެ. އަދި އެކަމަށް ބޭނުންވާ އެކަށީގެންވާ ބިންވެސް ނެތުމުގެ ސަބަބުން މީގެތެރެއިން، ވަކި އަދަދެއްގެ ގޯތި ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން، ގެދޮރުވެރިޔަ މަޝްރޫޢުއިން ގިރާވަރު ފަޅުން ދޫކުރަނީ 4072 ގޯއްޗެވެ. ސަރުކާރުގެ އާމާޒަކީ މި ވެރިކަމުގައި، މި ގޯތިތައް ގޭގެ ވެރިންނާ ހަވާލުކުރުމެވެ.