ޚަބަރު

ބަންގްލަދޭޝާއެކު އޮންނަ ހަރުދަނާ ގުޅުމުގެ އަސްލަކީ ފަރުދުންގެ ބަދަހިކަން: ރައީސް


  • ބަންގަލަދޭޝްގެ 55 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ވަނީ ފޮނުއްވާފައި

  • މިއީ ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 48 އަހަރު ފުރޭ އަހަރު

ބަންގްލަދޭޝާއި ދިވެހިރާއްޖޭގެ ގުޅުން ހަރުދަނާވުމުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ޠާރިޤް ރަޙްމާނަށް ފޮނުއްވެވި ސިޓީފުޅުގައެވެ.

ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ޠާރިޤް ރަޙްމާނަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައިވަނީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ މި ގާތްގުޅުން ބިނާވެގެންވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާ، އިޙްތިރާމުގެ މައްޗަށް ކަމަށެވެ. މިގުޅުން ދުވަހެއް ދުވަހަކަށް ހަރުދަނާވެ، ފުޅާވެގެން ދިޔުމުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުން މުހިއްމު ދައުރެއް އަދާކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިޔަށް އޮތްތާގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދުގައި އުފެދިފައިވާ ހަރުދަނާ ބަދަހި ގުޅުން ބިނާވެގެންވަނީ، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާއި، މިސަރަޙައްދުގެ ސުލްޙަ މަސަލަސްކަމާއި އަމާންކަމުގެ މައްޗަށް ކަމަށެވެ. މިއާއެކު، ދެޤައުމުގެ އެއްގޮތް ސަޤާފަތާ އަދި ފަރުދުންގެ މެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ސަބަބުން، މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ވިޔަފާރިއާއި، ޞިއްޙަތާއި، މީހުން ބިނާކުރުމާއި، ތަޢުލީމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ބަންގްލަދޭޝްއިން ދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ސަބަބުން، ރާއްޖެއަށް ލިބެމުންދާ ތަރައްޤީއާއި ކުރިއެރުން އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވަމުން، ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާވެރިކަމަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ބަންގްލަދޭޝްގެ މިނިވަން ދުވަސް ފާހަގަކުރަނީ 1971 ވަނަ އަހަރު މާރިޗު މަހު 26 ވަނަ ދުވަހު ޕާކިސްތާނު ސަރުކާރުން ވަކިވެ، މިނިވަން ދައުލަތެއް ގޮތުގައި އިއުލާން ކުރުމާއި ގުޅިގެންނެވެ. މި އަހަރަކީ، ބަންގްލަދޭޝްއާއި ދިވެހިރާއްޖެއާ ދެމެދުގައި ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 48 އަހަރު ފުރޭ އަހަރެވެ.