ޚަބަރު

އައު ޝިޕްމަންޓެއް ގެނެސް، 10 ކިލޯގެ ގޭސް ފުޅި ބާޒާރަށް


  • ދާދިފަހުން ވަނީ ތެލުގެ ޝިޕްމެންޓެއްވެސް ގެނެސްފައި

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން މީޑިއާތަކަށް ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ގޭހުގެ އައު ޝިޕްމެންޓެއް މިއަދު ރާއްޖެ ގެނެސް ބާޒާރުގައި ކުރިމަތިވެފައިވާ ގޭހުގެ ދަތިކަން ޙައްލުކޮށްފައިވާ ކަމަށެވެ. އަދި މި ޝިޕްމަންޓާއެކު މޯލްޑިވްސް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ގޭހުން ވަނީ ގޭސް ވިއްކުން ލިމިޓްކޮށްފައެވެ. އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ގޭސް ފުޅިއެވެ. ނަމަވެސް އައު ޝިޕްމަންޓް ލިބުމާއެކު ކުރިއެކޭ އެއްގޮތަށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ، ވަރަށް ބޮޑަށް އުފުލިފައެވެ. ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުފުލިފައިވާއިރު، ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލާއި ޑީސަލަކީ އެންމެ މަތީ މިންގަނޑަށް ސާފުކޮށްފައި ހުންނަ ތެޔޮ ކަމުން، އެ ބާވަތްތަކުގެ އަގުވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ.

މި ހާލަތުގެ ސަބަބުން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވީ ނަމަވެސް، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ބޭނުންވާ ތެލާއި، ގޭހުގެ ސްޓޮކް ހުސްނުވެ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އެސްޓީއޯއިން ވަނީ، ރާއްޖެއަށް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފައެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ، ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭ ގޮތަށް ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށްވެސް ނިންމާފައެވެ. މި ރިޒާވް ޤާއިމްކުރުމަށް ނިންމާފައިވަނީ، ރާއްޖޭގެ 3 ސަރަޙައްދެއްގައެވެ. އަދި މިއީ 1 އަހަރު ދުވަހަށް ރާއްޖެއަށް ބޭނުންވާނެ ވަރަށް ތެޔޮ ރައްކާކޮށްފައި ބެހެއްޓޭނެ ނިޒާމަކަށް ވާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.