މިމަހުގެ މިހާތަނަށް މަސްވެރިންނަށް 5 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި މިފްކޯއަށް 200އަށްވުރެ ގިނަ ދޯންޏަކުން ވަނީ މަސްކިރުވާފައިވެއެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަައް ދައްކާގޮތުގައި މިމަހުގެ މިހާތަނަށް މިފްކޯއަށް 233 ދޯންޏަކުން 352 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި އެ ދޯނިތަކަށް މުޅި ޖުމްލަ 5,142,537 (ފަސްމިލިޔަން އެއްްލައްކަ ސާޅީސް ދެހާސް ފަސްސަތޭކަ ތިރީސް ހަތެއް) ރުފިޔާ ވަނީ ދޫކޮށްފައެެވެ.
މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ދަށްވެފައިވަނީ ރޯދަމަހާއި ގުޅިގެން މަހަށް ނިކުތް ދޯނިތަކުގެ އަދަދު ދަށްވުމުގެ ސަބަބުން ކަމަށް މިފްކޯއިން ވިދާޅުވެއެވެ.
މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ، މިމަހުގެ 2ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހު މިފްކޯއަށް މަސްކިރުވި 21 ދޯންޏަކަށް މުޅި ޖުމްލަ 714,333 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިމަހުގެ މިހާތަނަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަހުގެ މަސްވެރިންނަށެވެ. އެއީ 4.1 މިލިޔަން ރުފިޔާއެވެ. އަދި 816،720 ރުފިޔާއާއެކު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ 15 ކިލޯއިން މަތިން މަސްކިރުވި ކަންނެލި މަސްވެރިންނަށެވެ. މި ލިސްޓުގެ ތިންވަނައިގައި އުޅެނީ 10 ކިލޯއިން މަތިން މަސްކިރުވި ކަންނެލި މަސްވެރިންނެވެ. އެއީ މުޅި ޖުމްލަ 335،636 ރުފިޔާއެވެ.
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު ލަސްވެގެން 48 ގަޑިއިރު ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން އެއް ހަމައެއްގައި ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތްވެސް ދަނީ ހަމަޖައްސަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.