އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނު ނިމުމަކަށް ގެނައުމަށް، ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫން އެމެރިކާ އާއި ޔަހޫދީންނަށް ގޮވާލައިފިއެވެ.
އީޔޫގެ ޚާރިޖީ ވަޒީރު ކާޖާ ކެލަސް ރޮއިޓަރސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުއިރުމަތީގެ ޤައުމުތަކުގެ ސަރުކާރުތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.
އަދި އެމެރިކާ އާއި ޔަހޫދީންގެ ޙަމަލާތަކުގެ ދިފާޢުގައި އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ތެލާއި ގޭސް އުފުލާ އުޅަނދުތަކަށް އަލުން ހުޅުވައިލުމުގެ އީޔޫގެ ބައިވެރިވުން އޮންނާނީ ޚާރިޖީ މަޝްވަރާގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ނުސީދާކޮށް ރައްދު ދެއްވާފައިވަނީ، ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަސްކަރީ މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައިވާ ގޮވާލެއްވުމާ ގުޅުވައިގެންނެވެ.
ކެލަސް ވިދާޅުވީ، މި ހަނގުރާމަ ފެށުމުގެ ކުރިން އީޔޫގެ ޚިޔާލެއް ނުވަތަ މަޝްވަރާއެއް ހޯދާފައިނުވާއިރު، ހުރްމުޒް ކަނޑުއޮޅި ހުޅުވައިލަން، ނުރައްކަލެއްގެ ތެރެއަށް ވެއްޓެން އީޔޫން ބޭނުންނުވާ ކަމަށެވެ.
ނަމަވެސް، މުޅި ދުނިޔެ ތެލާއި ކާބޯތަކެއްޗަށް ޖެހުމުގެ ކުރިން، މި މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ކެލަސް ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ބައެއް ނިންމުންތައް ޤަބޫލުކުރަން ދަތި ކަމަށާއި، ޚާއްޞަކޮށް އީރާނަށް ޙަމަލާދީގެން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދު އެއްގޮތަކަށްވެސް ސާފެއް ނުވެއެވެ.
އޭނާ ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި، ނަމަވެސް ހަނގުރާމައެއް ފެށޭހާ ފަސޭހައިން ނިންމުމަކީ އުނދަގޫކަމެއް ކަމަށެވެ.
ނަމަވެސް، ހުރިހާ ފަރާތްތަކަށް ވެސް ހަޖަމުކުރެވޭ ގޮތަކަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މެދުއިރުމަތީގެ ގިނަ ޤައުމުތަކާއެކު މަޝްވަރާތައް ކުރެވެމުންދާކަން އޭނާ ހާމަކުރެއްވިއެވެ.