ޚަބަރު

މަސްވެރިންނަށް ކުރިއެކޭވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ: މިފްކޯ


  • މަސްވެރިންނަށް 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކުގައި ތެޔޮ ލިބޭނެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ރާއްޖޭގައިވެސް ތެލުގެ އަގުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރި ނަމަވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިއާއޮއެކު މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށްވެސް ބަދަލު ގެނެވުނުކަން އެ ކުންފުނިންވެސް އިއްޔެ ވަނީ އިޢުލާންކޮށްފައެވެ.

މިފްކޯއިން ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ “ފަހި ހަކަތަ” ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

މި ބަދަލާއެކު، މިމަހުގެ 5 ގައި މިފްކޯއިން އިޢުލާންކުރި އަގުތައް ދެމިއޮންނާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. މިފްކޯއިން ވިދާޅުވީ، ކުރިއެކޭވެސް އެއްގޮތަށް މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުން ދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށެވެ.

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނައި މި ބަދަލަކީ، މިދަނޑިވަޅުގައި މަސްވެރިންނަށް ވީހާވެސް ތަކުލީފު ކުޑަ ގޮތަކަށް ކަންކަން ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.