ކުޅިވަރު

"ދަ ޓްރެއިލް ގޭމިން ޓޯނަމަންޓް"ގައި 128 ކުޅުންތެރިން


  • "ދަ ޓްރެއިލް ގޭމިން ޓޯނަމަންޓް" ކުރިއަށްދާނީ 14 ވަނަ ދުވަހުގެ ރެއާއި ހަމައަށް

  • މުބާރާތުގެ އެއްވަނައަށް 50،000 ރުފިޔާ ވަނީ ހުށަހެޅިފައި

  • މިއީ ޔުނިފައި ގޭމްސް ކުލަބުގެ މިފަދަ އެންމެ ބޮޑު މުބާރާތް

ޔުނިފައި ގޭމްސް ކުލަބާއި ޕޮޕް ސްޕޭސް ގުޅިގެން ބާއްވާ އީސްޕޯޓްސް މުބާރާތް ފަށައިފިއެވެ.

"ދަ ޓްރެއިލް ގޭމިން ޓޯނަމަންޓް"ގެ ނަމުގައި ކުރިއަށްގެންދާ މިމުބާރަތަކީ ގޭމިންއަށް ލޯބިކުރާ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ މުބާރާތަކަށްވާއިރު މިއީ ޔުނިފައި ގޭމްސް ކުލަބުން މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ މުބާރާތެވެ. މިމުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް ފަންސާސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާއިރު މިމުބާރާތުގައި 64 ޓީމަކަށް ނިސްބަތްވާ 128 ކުޅުންތެރިޔަކު ވާދަކުރާނެއެވެ.

މުބާރާތުގެ ކުޅުން 13 ވަނަދުވަހު ފެށިފައިވާއިރު މިމުބާރާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޔުނިފައި ގޭމްސް ކުލަބުގެ ޑިރެކްޓަރ އަހުމަދު ޝައިހާން ވިދާޅުވީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިމުބާރާތުގެ ފުރަތަމަ ދެ ދުވަސް ޚާއްސަކޮށްފައިވަނީ ނޮކްއައުޓް މެޗުތަކަށްކަމަށެވެ. މުބާރާތުގެ ފައިނަލު މެޗު ތާވަލުކޮށްފައިވަނީ ފަހުދުވަހުގެ ރޭގަނޑަށްކަމަށް ޝައިހާން މައުލޫމާތުދެއްވިއެވެ.

"މިއަދާއި މާދަމާ ނޮކްއައުޓް މެޗުތައް މިގެންދަނީ. ދެންފަހު ދުވަހު އިންނާނީ ފައިނަލް. ފައިނަލް އިންނާނީ ރޭގަނޑު. ޕްރައިޒް ޕޫލްގެ އިތުރުން އެހެނިހެން އިނާމުތަކާއި އެއްޗެހި ލިބޭ ގޮތަށް މުބާރާތް ކުރިއަށްދާނީ. ވައިލްޑް ކާޑު މެޗު އެއްޗިހި ކުޅެލައިގެން" ޝައިހާން ބުންޏެވެ.

"ދަ ޓްރެއިލް ގޭމިން ޓޯނަމަންޓް"ގައި ކުރިއަށްދާ މުބާރާތްތަކަށް ބަލާއިރު ފީފާގެ އިތުރުން ބިލިއާޑް، ފޫސް ބޯލް ފަދަ ޒުވާނުން ޝައުގުވެރިވާ އެތައް ކުޅިވަރުތަކެއް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ. މިމުބާރާތަށް ޒުވާނުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުކަމަށް ޝައިހާންވަނީ ފާހަގަކުރެއްވާފައެވެ.

"ގާތްގަނޑަކަށް ހަތްވަރަކަށް އެކްޓިވިޓީ މިކޮޅުގައި ކުރިއަށް އެބަދޭ. މެޗުތައް ތިން ޓީވީއިން އެއްފަހަރާ 12 ކުދިން ކުޅެމުން އެގެންދަނީ. ކޮންމެ މެޗަކީ 10 މިނިޓްގެ މެޗެއް" ޝައިހާން މައުލޫމާތުދެއްވިއެވެ.

"ދަ ޓްރެއިލް ގޭމިން ޓޯނަމަންޓް"ގައި އެކި އެކުމުރުފުރައިގެ ކުދިން ހަރަކާތްތެރިވަމުންދާއިރު، އޭގެ ތެރެއިން ބައެއް ކުދިންވަނީ ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކާލާ އެކުދިން މުބާރާތުގައި ވާދަކުރާ އިވެންޓުތަކާއި ގުޅޭގޮތުން މައުލޫމާތުދީފައެވެ. މުމުބާރާތަކީ ވަރަށް މަޖާ މުބާރާތެއްކަމަށް ހުރުހާ ކުދިންވެސް ބުނެފައިވާއިރު މުބާރާތުގައި ވާދަކޮށް ރަނގަޅު ވަނައެއްހޯދުމަކީ އެކުދިންގެ އަމާޒެވެ.

"ދަ ޓްރެއިލް ގޭމިން ޓޯނަމަންޓް" ޝަރަފުވެރިކޮށްދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ކުޅިވަރު ވަޒީރުވަނީ މިމުބާރާތް އިންތިޒާމުކުރި ޒުވާނުންނާއި ބައްދަލުކުރައްވާ އެކުދިން ކުރަމުންދާ މަސައްކަތަށް ހިތްވަރުދެއްވާފައެވެ. އަދި މުބާރާތުގެ ބައިވެރިންނާއި މުޚާޠަބުކުރައްވާ ވާހަކަދއްކަވަމުން ވަޒީރުވަނީ އީސްޕޯޓްސްއަކީވެސް އެހެނިހެން ކުޅިވަރުތައް ފަދައިން ވަކި ޑިސިޕްލިންއެއްގެ މައްޗަށް ބައްޓަންވެފައިވާ ކުޅިވަރެއްކަމަށާއި، މިއީވެސް ހަކަތައައި ބުންވަރު ބޭނުންވާނެ ކުޅިވަރެއްކަމަށް ވިދާޅުވެފައެވެ. އީސްޕޯޓްސްގައި ހަރަކާތްތެރިވާ ކުދިންވެސް ދުޅަހެޔޮކަމަށް ސަމާލުކަންދިނުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. އަދި މުބާރާތުގެ ބައިވެރިންނަށް ހިތްވަރުދެއްވާ ވަޒީރުވަނީ ކާމިޔާބަށް އެދިވަޑައިގެންފަވެއެވެ.

"ދަ ޓްރެއިލް ގޭމިން ޓޯނަމަންޓް" ގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 12 އިން 14 ގެ ނިޔަލަށެވެ.