ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (މާރިޗު 7) ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް އަމަލުކުރަން ފަށައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ބިލު މަޖިލީހުން ފާސްކުރީ، މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ، މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ.
(12 މާރިޗު) ނިމުނު ހަފުތާގައި ވަނީ މެދުއިރުމަތީ ކަނގުރާމައާއި ގުޅޭގޮތުން އެކުލަވާލައްވާފައިވާ ވަޒީރުންގެ ކޮމިޓީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ ހަނގުރާމައާއި ގުޅިގެން އިޤްތިޞާދީ އަދި ސަލާމަތީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ގާތުން ދިރާސާކޮށް ބަލަމުން އަންނަކަމަށެވެ. ބޭރުގެ ދެ އެޖެންސީއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރު ހަމަޖެހިފައިވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފެައިވާއިރު، ވަޒީރު ވަނީ އެސްޓީއޯގެ ފައިދާ ކުޑަކޮށްގެންވެސް، ތެލުގެ އަގު ކޮންޓްރޯލްކުރާނެ ކަމަށް ވިދާޅުވެފައެވެ. ނުފުރިތިބި 1888 ފަތުރުވެރިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވިއެވެ.
(11 މާރިޗު) އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިދިޔަ ބުދަ ދުވަހުއެވެ.
(9 މާރިޗު) ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. އަދި މީގެއިތުރުން (11 މާރިޗު) ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތަޢީދުކުރާކަން، މިދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ހާމަކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
(7 މާރިޗު) ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ ފްލެޓްތައް ކުއްޔަށް ދޭނަމަ ފްލެޓްތައް އަތުލައި ބައިލައްކަ ރުފިޔާއާއި ހަމައަށް ފްލެޓުތަކުގެ ވެރިން ޖޫރިމަނާ ކުރާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ފަހިދިރިއުޅުން ފްލެޓްތަކަކީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ހެޔޮ އަގުގައި ދޫކޮށްފައިވާ ފްލެޓްތަކެކެވެ. މި 4000 ފްލެޓްތަކުގައި 3 ކޮޓަރިއާއި ދެކޮޓަރީގެ ފްލެޓްތައް ހުރިއިރު، މިތަންތަން ކުއްޔަށް ދިނުމަކީ އެތަންތަނުގެ ވެރިންނާއެކު ވެފައިވާ އެއްބަސްވުމާއިވެސް ޚިލާފު ކަމެކެވެ.
(8 މާރިޗު) ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލާފައިވަނީ މިދިޔަ ނިމުނު ހަފުތާގެ އާދީއްތަ ދުވަހުއެވެ. މިކަމާގުޅޭ އުޞޫލު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފައިވަނީ މާރިޗު 4 ވަނަ ދުވަހުއެވެ.
(11 މާރިޗު) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
(12 މާރިޗު) ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ކުންފުންޏަކާ ހަވާލުކޮށް، ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެމަސައްކަތް ހަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަނާއެވެ.
(11 މާރިޗު) ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާޙު ކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތަޢާރަފްކޮށްފައިވަނީ ބުދަ ދުވަހުއެވެ. އައްޑޫސިޓީ ހިތަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ތަޢާރަފް ކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. މި ވޮލެޓް ރަސްމީކޮށް އިފުތިތާޙުކޮށްފައިވަނީ ޖަރުމަނުގައި ކުރިއަށްދިޔަ އައިޓީބީ ބާލިންގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރާއްޖޭގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ސްވައިޕް ތައާރަފް ކޮށްފައިމިވަނީ އައްޑޫ ސިޓީއަށެވެ. މި ޚިދުމަތް އައްޑޫސިޓީއަށް ތައާރަފްކޮށްފައިވާއިރު، އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާއިރު، (8 މާރިޗު) ނިއުރޯ ސާޖަރީތަކުގައި ބޭނުންކުރާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ތަޢާރަފްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ނިއުރޯ ސާޖަރީ ނުވަތަ ނާރުގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން"އަކީ ސާޖަރީ ކުރަމުންދާ ވަގުތު ބަލިމީހާގެ ނާރުތަކުގެ މަސައްކަތް ކުރާ ގޮތް ވަގުތުން ބެލޭ ވަސީލަތެކެވެ. މިވަސީލަތް ބޭނުންކުރަން ފެށުމުން އޮޕަރޭޝަން ކުރަމުންދާއިރު ނާރުތަކަށް ލިބިދާނެ ގެއްލުންތައް ވަގުތުން ދެނެގަނެވި، އެފަދަ ނުރައްކާތަކުން ބަލިމީހާ ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.
(9 މާރިޗު) އަތޮޅުތެރޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކާއި ހަވާލުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިކަމަށްޓަކައި ސިއްހީ ވުޒާރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަތޮޅުތެރޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ސިއްހީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި 14 ރަށަށް ބޭނުންވާ އެމްބިއުލާންސްގެ ތަޅުދަނޑި އަދި މެއިންޓަންސް މެނުއަލް ވަނީ އެ ރަށްތަކާއި ހަވާލުކޮށްފައެވެ.
(11 މާރިޗު) ރ.އަލިފުށި ހޮސްޕިޓަލް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީއާ ހަވާލުކޮށްގެންނެވެ. އެމްޓީސީސީއިން ވިދާޅުވީ އަލިފުށި ހޮސްޕިޓަލް އިމާރާތުގެ މަސައްކަތުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. އަލިފުށީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިއީ 128 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
(8 މާރިޗު) ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން އެ ދަރިފުޅަށް ވަގުތު ދޭން ޤާނޫނަށް ހުށަހެޅިި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މަޖިލީހުން މި ބިލު ފާސްކުރީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށް ނިންމި ގޮތަށް ބިލަށް އިތުރު އިސްލާހެއް ގެނައުމަކާ ނުލައެވެ. ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ.
(10 މާރިޗު) ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ މިިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 1ވަނަ ދުވަހުއެވެ.