ޤައުމީ ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން ތަޖުރިބާކާރުންނާއި އާއްމުން ހިމެނޭހެން މަހާސިންތާއެއް އަންނަ މަހު ބާއްވާނެކަމަށް އެ ޕްލޭން އެކުލަވާލަމުންދާ ކޮންސަލްޓަންޓް ނެކްސިއާ މޯލްޑިވްސްއިން ބުނެފިއެވެ.
ޤައުމުގެ ތަރައްޤީ އެއް މިސްރާބަކަށް ގެންދިއުމަށް ހަދާ މިޕްލޭނަކީ 20 އަހަރުގެ ޕްލޭނެކެވެ. ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ.
މި ޕްލޭނަކީ ކޮންމެ ސަރުކާރެއްގެވެސް މެނިފެސްޓޯއަށް ފުރިހަމައަށް ޖާގަ ލިބޭގޮތަށް، ނަމަވެސް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް މަންފާ ލިބޭނެހެން އެއް މިސްރާބަކަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަދާ ޕްލޭނެކެވެ.
މި މަސައްކަތުގައި މިހާތަނަށް ބޮޑެތި ކުރިއެރުންތައް ވަނީ ހޯދާފައެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޚިޔާލު ހޯދުމުގެ 192 ބައްދަލުވުން ބާއްވާފައިވާއިރު، 10،000އަށްވުރެ ގިނަ މީހުން ޚިޔާލު ހުށައަޅާފައިވެއެވެ. އަދި އެކި ދާއިރާތަކަށް ޚާއްސަކޮށްގެން 96 ފޯކަސް ގްރޫޕް ބައްދަލުވުން ބާއްވާފައިވެއެވެ.
މީގެއިތުރުން ޙިއްޞާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމާޢަތްތަކާއެކު، 67 ބައްދަލުވުން ބާއްވައި، ރައްޔިތުންގެ މެންބަރުންނާއި، އެއްބާރުލުން ދިން ސިޔާސީ ޕާޓީތަކާއެކުވެސް ބައްދަލުވުންތައް ބާއްވައި، 66 މައުޟޫޢަކަށް ބިނާކޮށް މަޝްވަރާ ކޮށްފައިވެއެވެ.
* ދިވެހިންގެ ސަޤާފަތާއި އިސްލާމީ އަދަބުތައް ދެމެހެއްޓުން
* މަންފާވަނިވި ދެމެހެއްޓެނިވި އިޤްތިޞާދު
* ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް އިޖުތިމާޢީ ތަރައްޤީ
* ތިމާވެށި ދެމެހެއްޓުން
* އިދާރާތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުން
ރައްޔިތުންނާއި ތަޖުރިބާކާރުން ޙިއްސާކުރައްވާފައިވާ ޚިޔާލުތަކަށް ބަލާ އެކުލަވާލާފައިވާ އިނީޝިއަލް ޑްރާފްޓް، މިހާރު ކަމާގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާއި ޙިއްސާކޮށް، ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮންސަލްޓަންޓް ނެކްސިއާއިން ވަނީ ބުނެފައެވެ.
އަދި މިހާރު ތައްޔާރުވަމުންދަނީ ފައިނަލް ޕްލޭން އެކުލަވާލުމުގެ ކުރިން، ޑްރާފްޓް ޕްލޭން ޙިއްސާކޮށް އެއަށް ޚިޔާލު ހޯދުމަށް މަހާސިންތާ ބޭއްވުމަށެވެ. މި މަހާސިންތާގައި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އާއްމުން ހިމެނޭހެން 200އެއްހާ މީހުން ބައިވެރިވާނެއެވެ. އަންނަ މަހު މި މަހާސިންތާ ބާއްވާނެއެވެ.
ޕްލޭނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެއާއި މެދު އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމަށްވެސް ހުޅުވާލާނެއެވެ. އަދި ސަރަޙައްދީ ފެންވަރުގެ ވެލިޑޭޝަން ބައްދަލުވުންތައްވެސް ބާއްވާނެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭންގެ ތަންފީޒީ އޮނިގަނޑު ޖުލައިގެ ނިޔަލަށް އެކުލަވާލާނެކަމަށެވެ.
މި ޕްލޭނަކީ 2040 ވަނަ އަހަރަށް ދާއިރު، ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެއް މިސްރާބަކަށް މަސައްކަތް ކުރުމުގެ ވަރަށް މުހިންމު، ދިގު ރާސްތާގެ ޕްލޭނެކެވެ.
ރާއްޖޭގައި ކޮންމެ 5 އަހަރަކު ރިޔާސީ ދަޢުރެއް ފުރިހަމަކުރަމުންދާއިރު، މި ޕްލޭންގެ ސަބަބުން އެއިރަކު އޮންނަ ސަރުކާރެއްގެ ތަޞައްވުރާއި މެނިފެސްޓޯއަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ އެންމެހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާވާނެ، ޒިންމާދާރު ކަމާއިއެކު މަސައްކަތްތައް ބައްޓަންކުރެވޭނެ މަގު ޗާޓެއް އެކުލަވާލުމެވެ.