ކުޅުންތެރިޔާގެ ނަމަށް ބަލާފައި ކާލޯ އަންޗެލޯޓީ ޓީމު ނުނަގާނެ ކަމަށް ބްރެޒިލްގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާ ބުނެފި އެވެ.
ވޯލްޑް ކަޕް ތަށި ބްރެޒިލަށް ގެންދިއުމުން، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލޫލާ ވިދާޅުވީ އޭނާގެ ގައުމީ އެމެރިކާގައި އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ފެންވަރު ހުރި ގައުމެއް ކަމަށެވެ.
1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރި ބްރެޒިލަށް މި ފަހަރުގެ މުބާރާތުގައި ކޯޗު ކޮށްދޭނީ އިޓަލީގެ ތަޖުރިބާކާރު އަދި ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗު ކާލޯ އަންޗެލޯޓީ އެވެ. ފުރަތަމަ ފަހަރަށް ބްރެޒިލްގެ ގައުމީ ޓީމު ހަވާލުކުރި ބިދޭސީ ކޯޗާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެއީ މަސައްކަތަށް ވަރަށް ސީރިއަސް ކޯޗެއް ކަމަށެވެ.
"އަހަރެން އަންޗެލޯޓީއާ ބައްދަލުވެ ވާހަކަ ދެއްކިން. އޭނާ އަކީ ވަރަށް ސީރިއަސް ކޯޗެއް. އޭނާ ޓީމަށް ކުޅުންތެރިން ނުނަގާނެ މޫނަށް ނުވަތަ އެ މީހާގެ ނަމެއް ބަލާފައި. އެއަށްވުރެ އޭނާ އަކީ މިކަމަށް ވަރަށް ސީރިއަސް އަދި ވަރަށް ގާބިލް ކޯޗެއް،" އަންޗެލޯޓީ އަށް ތައުރީފް ކުރަމުން ލޫލާ ވިދާޅުވި އެވެ.
ބްރެޒިލްގެ ރައީސް އިތުރަށް ވިދާޅުވީ އަންޗެލޯޓީގެ ކޯޗުކަމުގައި ބްރެޒިލްގެ ޖާޒީ ލާން ބޭނުންވާ ކުޅުންތެރިންގެ ޒިންމާތަކެއް އެބައޮތް ކަމަށެވެ.
"ކުޅުންތެރިންގެ ޒިންމާތަކެއް އެބައޮތް. ކުޅުންތެރިން ޖެހޭނީ އެކަންކަން ފުރިހަމަ ކުރަން. މި ފަހަރުގެ ޓީމަކީ ސީރިއަސް އަދި ތައްޓަށް ވާދަ ކުރާނެ ޓީމެއް. އަހަރުމެންގެ އަމާޒަކީ ހަ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިބު ކުރުން،" ލޫލާ ވިދާޅުވި އެވެ.
ރައީސްގެ މި ވާހަކަތަކާއެކު އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ ކުޅުންތެރިއަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ފޯވަޑް ނޭމާގެ ވާހަކަ އެވެ. އުމުރުން މިހާރު 33 އަހަރުގެ ފޯވަޑް އުއްމީދު ކުރަނީ އޭނާ އަށް ވޯލްޑް ކަޕަށް ދާ ޓީމުން ޖާގަ ލިބޭނެ ކަމަށެވެ. އެކަމަށްޓަކައި އޭނާ ބްރެޒިލްގެ ކުލަބު ސަންޓޯސް އަށް ބަދަލުވެ ކުޅެމުންދިޔަ ނަމަވެސް އަދިވެސް މުޅިން ފިޓެއް ނޫނެވެ. ނޭމާ އެންމެ ފަހުން ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރު އެވެ. އޭނާގެ ފަހުން އޭނާ އަށް ޓީމުން ޖާގަ ނުލިބޭ މައިގަނޑު މައްސަލައަކީ ވެސް ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވެ، ފިޓްނުވާތީ އެވެ.
އޭނާގެ ކުޅުން ބަލާލުމަށް އަންޗލޯޓީ ވަނީ އަންގާރަ ދުވަހު ބްރެޒިލް ލީގުގައި ސަންޓޯސް ކުޅުނު މެޗު ބަލަން ގޮސްފަ އެވެ. ނަމަވެސް ސަންޓޯސްގެ ކޯޗު ނިންމީ އެ މެޗުގައި ނޭމާ އަރާމު ކުރުވާށެވެ. މިކަމާ ކުޅުންތެރިޔާ ބުނީ އޭނާއާ މެދު ވިސްނަނީ އޭނާ އެކަނި ކަމަށެވެ.