ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ފްރާންސްގެ ލިލް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވެއްޖެ އެވެ.
ލިލްގެ ޑިކެތްލަން އެރީނާގައި ކުޅުނު މި މެޗަށް އުނެއި އެމެރީގެ އެސްޓަން ވިލާ ނިކުތްއިރު އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެއް ނުވެއެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ލިބިގެންގޮސްފައިނުވާއިރު, މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 61 ވަނަ މިނިޓުގައި އޮލީ ވޮޓްކިންސް ކާމިޔާބުކޮށްދީފައިވާ ލަނޑެވެ.
ފުރަތަމަ ލެގުން އެސްޓަން ވިލާ ރަށުން ބޭރުގައި މޮޅުވެފައިވާއިރު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެސްޓަން ވިލާގެ ދަނޑުގައި މި ދެ ޓީމު ދެވަނަ ލެގަށް ނިކުންނައިރު އެސްޓަން ވިލާ އަށް ވަނީ ކުއާޓަރ ފައިނަލުގެ ފުރުސަތު ބޮޑުވެފަ އެވެ.
މި މުބާރާތުގެ ދެވަނަ ލެގަށް އެސްޓަން ވިލާ ނިކުތުމުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ރަށުން ބޭރުގައި އަންނަ އާދީއްތަ ދުވަހު ކުޅޭނެ އެވެ.
އެސްޓަން ވިލާ އަށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބިއްޖެނަމަ އެ ޓީމު ނިކުންނާނީ އިޓަލީގެ ބޮލޯނާ އާއި ރޯމާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.