ޚަބަރު

ލޯނާއި އިންޓްރެސްޓަށް 1.3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ


  • ލޯނުތައް އަނބުރާ ދެއްކުމަށް 798.2 މިލިޔަން ރުފިޔާ ޚަރަދުކުރި

  • އިންޓްރެސްޓްގެ ގޮތުގައި 577.5 މިލިޔަން ރުފިޔާ ޚަރަދުކުރި

އަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓްގެ ގޮތުގައި 1.3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެެ.

މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑު ދަރަނި އަދާކުރަން ޖެހޭ އަހަރު ކަމަށްވާއިރު، ސަރުކާރުން އަންނަނީ ދަރަނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ލޯނުތައް އަނބުރާ ދެއްކުމަށް 798.2 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ފައިނޭންސިން ކޮސްޓް ނުވަތަ އިންޓްރެސްޓްގެ ގޮތުގައި ދަޢުލަތުން ވަނީ 577.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއާއެކު އަހަރުގެ މިހާތަނަށް ލޯނާއި އިންޓްރެސްޓަށް 1.3 ބިލިޔަން ރުފިޔާ މިވަނީ ޚަރަދުކޮށްފައެވެ.

އަހަރުގެ މިހާތަނަށް ލޯނާއި އިންޓްރެސްޓަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު ނިމުނުއިރުވެސް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް އެކަނިވެސް 5.1 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އިންޓްރެސްޓް ދެއްކުމަށް ހޭދަކުރި 4.6 ބިލިޔަން ރުފިޔާއާއެކު، މިކަމަށް އެކަނިވެސް 9.7 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ ނިމިދިޔަ އަހަރުގެ ބަޖެޓުގައި މިކަމަށް ކަނޑައެޅި 9.3 ބިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރި ހޭދައިގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ލޯނުތަކުގެ އިންޓްރެސްޓެވެ. އެގޮތުން ލޯނު އިންޓްރެސްޓްގެ ގޮތުގައި އެކަނިވެސް 4.6 ބިލިޔަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ. ބޭރުގެ ފަރާތްތަކަށް ލޯނު ދެއްކުމަށް ޖުމްލަ 2.9 ބިލިޔަން ރުފިޔާ ހޭދަކުރިއިރު، މީގެ ތެރޭގައި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި އެކި ގައުމުތަކުން ނަގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ލޯނުތައް ހިމެނެއެވެ.

މި އަހަރަކީ ރާއްޖެއިން 18 ބިލިޔަން ރުފިޔާ ދަރަންޏާއި ފައިނޭންސިން ކޮސްޓަށް ދައްކަން ޖެހޭ އަހަރެކެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ އަންނަ މަހު މުއްދަތު ހަމަވާ ސުކޫކަށެވެ. ސުކޫކު ޕޭމެންޓަށް ގާތްގަނޑަކަށް 600 މިލިޔަން ޑޮލަރު ނުވަތަ 9.2 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، މީގެ ތެރެއިން 150 މިލިޔަން ޑޮލަރު ދެއްކުމަށް ހަމަޖެހިފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު އެސްޑީއެފްގައި ހުރި ބޭރު ފައިސާއިންނެވެ.

ސަރުކާރުން ނިންމާފައިވަނީ ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު، ބާކީވާ މިންވަރު ރީފައިނޭންސް ކުރުމަށެވެ. މިކަމަށްޓަކައި ނަގާ އެއްވެސް ލޯނެއްގެ އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. މިއަހަރުގެ ދަރަންޏާއި ބަޖެޓް ޑެފިސިޓަށް ޖުމްލަ 26.3 ބިލިޔަން ރުފިޔާގެ ފައިނޭންސިން ބޭނުންވެއެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، 2021 ވަނަ އަހަރު ވިއްކި 500 މިލިޔަން ޑޮލަރުގެ ސުކޫކު އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އަނބުރާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. މި ލޯނު ދެއްކުމަށް ރިޒާވްގައި 650 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރަމުންދާ ކަމަށާއި، އެ މަޝްވަރާތަކުން އުންމީދީ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.