ޚަބަރު

"ޑިމޮކްރަސީ ހަރުދަނާކުރުމަށް ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަންޖެހޭ"


  • ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވާނެ

  • ވީހާވެސް ގިނަ ބަޔަކަށް ވޯޓުގައި ބައިވެރިވެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ޑިމޮކްރަސީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.

ލުބްނާ މިހެން ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ޕީއެސްއެމް ނިއުސްގެ "ހޭލުން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ށ. އަތޮޅުގެ ކުރީގެ މެމްބަރު އަދި އެންޑީއެމްއޭގެ ޗެއަރޕާސަން ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް ވަރަށް ބޮޑުވެފައި، މަޖިލިސް އިންތިޚާބުގައި އެ ނިސްބަތް ދަށްވުމަކީ ޑިމޮކްރަސީ މަޑުޖެހިގެންދާނެކަމެއް ކަމަށެވެ. ނަމަވެސް ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަތް ގާތްގަނޑަކަށް 80 އިންސައްތައަށް އިތުރުކުރެވޭނެކަމަށް ލުބްނާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ ވޯޓުލުމާއި އިންތިޚާބުތަކުގައި ރައްޔިތުންގެ ޕާޓިސިޕޭޝަން އިތުރުކުރެވޭ ކަމަށްވަންޏާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ހަމަ ވަރަށް މުހިންމު ކަމެއް. އަދި މިއީ ޑިމޮކްރަސީއަށްވެސް ލިބޭ ކުރިއެރުމެއް،" ލުބްނާ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ލުބްނާ ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލިތާ 17 އަހަރު ވެފައިވާއިރު، އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމަކީ ޑިމޮކްރަސީގެ އިތުރުން، ގާނޫނުއަސާސީއަށްވެސް ލިބޭ ގެއްލުމެއް ކަމަށެވެ.

"މި 17 އަހަރު ވީއިރުވެސް އަޅުގަނޑުމެންނަށް ފެންނާކަށް ނޫންތޯ މިއޮތީ އިލެކްޝަންތަކަށް ވޯޓާސް ޓާންއައުޓް މަދުވުމަކީ ހުދު ޤާނޫނު އަސާސީއަށްވެސް ލިބޭ ގެއްލުމެއްކަން. އެހެންމަ ވޯޓާސް ޕާޓިސިޕޭޝަން އިތުުރުކުރުމަކީ ވަރަށްވެސް މުހިންމުކަމެއް. ޑިމޮކްރަސީގެ އުސޫލުތަކަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް ކުރިއެރުން ލިބިގެންދާނެ ކަމެއް." ލުބްނާ ވިދާޅުވިއެވެ.

ޒުވާނުން އިންތިޚާބުތަކުގައި ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ލުބްނާ ވިދާޅުވީ، ވީހާވެސް ގިނަ ބަޔަކަށް ވޯޓުގައި ބައިވެރިވެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަކީ ޑިމޮކްރަސީއަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ.