ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބާރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގަށް ރެއާލް މެޑްރިޑް ނިކުމެފައިވަނީ އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ ކިލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމް ނުލަ އެވެ.
ޕެޕް ގަޑިއޯލާގެ މެންޗެސްޓަރ ސިޓީގެ ގޯލު ރެއާލް މެޑްރިޑް އިން ހުޅުވާލާފައިވަނީ މެޗުގެ 20 ވަނަ މިނިޓުގައި ފެޑެރީކޯ ވަލްވާޑޭ އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އިޓަލީގެ އެއްވަނަ ކީޕަރު ޖިއާންލޫކާ ޑޮންނަރޫމާ ބަލަހައްޓަމުން ދިޔަ ސިޓީގެ ކޮޅަށް ރެއާލް މެޑްރިޑް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ވަލްވާޑޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ރެއާލް މެޑްރިޑަށް ވަނީ އިތުރު ލަނޑެއް ޖެހުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން މެޗުގެ 60 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއާއަށް ޑޮންނަރޫމާ ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ ވިނިޝިއަސް ޖޫނިއަރ ފޮނުވާލި ނަމަވެސް ޑޮންނަރޫމާ ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ.