ބާސެލޯނާއިން އޭނާ ދާން ޖެހުނު ސަބަބާއި އެނބުރި ނާދެވުނު ސަބަބު އޮޅު ފިލުވައިދިނުމަށް ބާސެލޯނާގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ވިކްޓަރ ފޮންޓް، މެސީ އަށް ގޮވާލައިފި އެވެ.
އިންތިހާބުގައި ވާދަ ކުރަނީ އެންމެ ފަހުން މަގާމުގައި ހުންނެވި ރައީސް ޖޯން ލަޕޯޓާ އާއި މީގެ ފަސް އަހަރު ކުރިން ބޭއްވި އިންތިހާބުގައި ވެސް ލަޕޯޓާއާ ވާދަ ކުރެއްވި ކެނޑިޑެޓް ފޮންޓެވެ. މީގެ ތެރެއިން ފޮންޓާއި އޭނާ އަށް ތާއިދު ކުރާ ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒް ވަނީ ލަޕޯޓާ އަށް ގިނަ ތުހުމަތު ތަކެއް ކޮށްފަ އެވެ.
މި ގޮތުން މެސީ 2023 ވަނަ އަހަރު އެނބުރި ބާސެލޯނާ އަށް އަންނަ ބޭނުންވުމުން އެކަން ނުކުރީ ލަޕޯޓާ ކަމަށް ބުނެ ވަނީ ފާޑުކިޔައިފަ އެވެ. ނަމަވެސް މި ވާހަކަތައް ލަޕޯޓާ ދޮގުކުރެ އެވެ. އޭނާ ބުނީ މެސީ ނުގެވުނީ ސްޕެނިޝް ލީގުން ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން މުސާރަތަކަށް ދީފައިވާ ޖާގައިގައި މެސީގެ ކޮންޓްރެކްޓް ރަޖިސްޓަރ ކުރަން ހުއްދަ ނުދޭތީ ކަމަށެވެ. އަދި އެކަން މެސީގެ ބައްޕައާ ވެސް ހިއްސާ ކުރި ކަމަށެވެ.
"އަހަރެން އުއްމީދު ކުރަނީ އިންތިހާބުގެ ކުރިން މެސީ މި ވާހަތަކުގެ ހަގީގަތް ކިޔައިދޭނެ ކަމަށް. އަހަރެން ގޮވާލަން އޭނާ އަށް މި ކަމުގެ ތެދު ވާހަކަތައް ސާފުކޮށްދޭން،" ފޮންޓް ބުންޏެވެ.
ފޮންޓްގެ ޕްލޭނުގައިވާ ގޮތުން އޭނާ ރައީސް ކަމަށް އިންތިހާބު ވެއްޖެނަމަ ބާސެލޯނާގެ އޮނަރަރީ ރައީސްކަން ދޭނީ މެސީ އަށެވެ.
ލަޕޯޓާ އަށް ފާޑުކިޔަމުން ޒަވީ ބުނީ 2022ގެ ވޯލްޑް ކަޕް ނިންމާފައި މެސީ ބާސެލޯނާ އަށް އަންނަން އެގްރީމަންޓްގައި ވެސް ސޮއިކުރި ކަމަށެވެ.
"އެކަމަކު އެކަން ނުވީ ލަޕޯޓާ އެކަށް އެއްބަސް ނުވުމުން. މެސީގެ ކޮންޓްރެކްޓަށް ލަލީގާއިން ވެސް ފެހި ސިގްނަލް ދިން. އެކަމަކު ލަޕޯޓާ އެކަމަށް އެއްބަހެއްނުވި. އޭނާ ބުނީ މެސީގެ ކޮންޓްރެކްޓްގެ ސަބަބުން ބާސެލޯނާއިން މުސާރައިގެ ހަނގުރާމައެއް ކުރަން ޖެހޭނެ ކަމަށް. މިހެންވެ އަލުން މެސީ ގެންނަން އެއްބަސް ނުވެވޭނެ ކަމަށް. މި ހިސާބުން މެސީ އަހަރެންގެ ފޯނު ކޯލުތަކާއި މެސެޖްތަކަށް ޖަވާބު ދިނުން ވެސް ހުއްޓާލި. އަހަރެން ހުރީ މެސީ އަށް ކޯޗުކޮށްދޭން ފުރުސަތު ލިބޭތީވެ ވަރަށް އުފަލުން. "އެކަމަކު ލަޕޯޓާ ހުރިހާ ކަމެއް ފަނިކޮށްލީ ލަޕޯޓާ،" ޒަވީ ބުންޏެވެ.
ނަމަވެސް ލަޕޯޓާ މި ވާހަކަތައް ދޮގު ކުރެ އެވެ. އަދި ޒަވީގެ މި ވާހަޔަކުގެ ތެރެއިން ސްޕެނިޝް ލީގުން މެސީގެ ކޮންޓްރެކްޓަށް ފެހި ސިގްނަލް ދިން ވާހަކަ އެ ލީގުގެ ރައީސް ހާވިއާ ޓެބާސް ވެސް ވަނީ ދޮގުކޮށްފަ އެވެ.
"އަހަރެން ވަރަށް ސާފުކޮށް ބުނިން މެސީގެ މުސާރަ ބޮޑުކަމުން ލަލީގާއިން އެކަމަށް ހުއްދަ ނުދޭނެ ވާހަކަ. މެސީ އެނބުރި ގެންނަން ބޭނުންވި ނަމަވެސް ކުލަބުގެ މާލީ ހާލަތު އެކަމަށް ތަނެއް ނުދޭ. އަހަރެން އިސްކުރީ ކުޅުންތެރިޔާ އަށް ވުރެ ބޮޑަށް ކުލަބުގެ މަސްލަހަތު. އެއްވެސް މީހަކު ކުލަބަށްވުރެ ބޮޑެއް ނުވާނެ. އެއީ އަހަރެން ކަމަށް ވިޔަސް. ޒަވީ އެ ދައްކަނީ މުޅިން ރަނގަޅު ވާހަކަ ތަކެއް ނޫން،" ލަޕޯޓާ ބުންޏެވެ.
މި އިންތިހާބާ ގުޅިގެން މެސީ ބުނެފައިވަނީ އެއްވެސް މީހަކަށް ވޯޓު ވެސް ނުލާނެ ކަމަށާއި އޭނާގެ ނަން އެއްވެސް ކެނޑިޑޭޓަކު ބޭނުން ނުކުރުމަށެވެ.