ޚަބަރު

މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޤަޠަރާއި ޢުމާނަށް ހުރަސްތަކެއް


ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ސިޔާސީ މަސްރަޙް ނުތަނަވަސްވެ، ސަރަޙައްދީ އިޤުތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމުގައި ޤަޠަރުން ބުނެފިއެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ އަޑީގައި ތިބީ ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި އޭނާގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އަލް-ޚަލީފީ ވިދާޅުވީ، އީރާނުން އެ ޤައުމުގެ މިިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ދެމުންދާ ޙަމަލާތަކުގެ އަމާޒަކަށް އަވަށްޓެރި ޤަޠަރާއި ޢުމާން ފަދަ ޤައުމުތައް ވެފައިވާތީ، "މެދުވެރިންގެ" ދައުރު އަދާކުރުމަށް ހުރަސް އެޅިފައިވާ ކަމުގައެވެ. "އަޅުގަނޑުމެންގެ ސިޔާދަތަށް އަރައިގަނެ، ޙައްޤު ސަބަބަކާ ނުލައި ދެމުންދާ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޚަލީފީ ވިދާޅުވިއެވެ.

ދެމެހެއްޓިވި ގޮތެއްގައި ސުލްޙަ ޤާއިމުކުރުމަށް އޮތް ހަމައެކަނި މަގަކީ މަޝްވަރާ ކުރުން ކަމުގައި ވެސް ޚަލީފީ ވިދާޅުވިއެވެ. އީރާނުން ބުނީ، ޙަމަލާތައް އަމާޒު ކުރަމުން ދަނީ ހަނގުރާމައިގައި އެމެރިކާއަށް ވާގިވެރިވާ ޤައުމުތަކާއި، ގަލްފް އަދި ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، މަޞްލަޙަތުތަކަށް ކަމުގައެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ މައިދޮރޯއްޓެއް ކަމުގައިވާ ހުރްމުޛް ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން ތެލާއި ގޭހުގެ ވިޔަފާރިއަށް ބަރޯސާވެފައި އޮތް ސަރަޙައްދީ އިޤުތިޞާދުތަކަށް ވަނީ މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ގެއްލުންތަކެއް ލިބިފައެވެ. މި ނުރައްކާތެރި ޙާލަތުން އަރައިގަތުމަށް ޓަކައި، ޤަޠަރުގެ ބޮޑުވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީ ވަނީ އީރާނުގެ އިސްވެރިންނާ ފޯނުން ގުޅުއްވައި، އަވައްޓެރި ޤައުމުތަކަކީ އީރާނުގެ ދުޝްމަނުން ނޫންކަން ހަނދާން ކޮށްދެއްވާފައެވެ.

މީގެ އިތުރުން، ދަވްޙާއިން ދަނީ ޓްރްމްޕާ ވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ. ހަނގުރާމައިގެ ހުޅުގަނޑު ނިއްވައިލާ، ސުލްޙަވެރި މަގަކުން މައްސަލަ ޙައްލުކުރުމަށް ޓަކައި އެމެރިކާއިން ވެސް ޙަމަލާތައް ހުއްޓައިލުމަށް ޤަޠަރުން ދަނީ ބާރުއަޅަމުންނެވެ. ޚަލީފީ ވިދާޅުވީ، މި ކަމުގައި އޮތް ހަމައެކަނި ޙައްލަކީ ހުރިހާ ފަރާތްތަކަކުން ވެސް އަލުން މަޝްވަރާގެ މޭޒަށް ރުޖޫޢަވުމެވެ.

ހަނގުރާމައިގައި ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން އީރާންގެ ޢާންމުން ދިރިއުޅޭ 10,000އަށްވުރެ ގިނަ ސަރަޙައްދަށް، ޙަމަލާދީފައިވާ ކަމުގައި ތެހްރާނުން ހާމަކުރިއެެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,255އަށް އުފުލިފައިވާއިރު، 12,000އަށްވުރެ ގިނަ ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ. އީރާނުން ވަނީ ރައްދު ޙަމަލާދީ ޔަހޫދީންގެ 13 މީހުން މަރައިލާ، 1,900އަށްވުރެ ގިނަ ޔަހޫދީން ޒަޚަމު ކޮށްލާފައެވެ. އަދި، އީރާންގެ ޙަމަލާތަކުގައި މަރުވެފައިވާ އެމެރިކާ ސިފައިންގެ އަދަދު އަށަކަށް އަރައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ ސިފައިންގެ އަދަދު 140އަށްވުރެ ގިނައެވެ.