ޚަބަރު

ޛިކުރުކުރާއިރު ހަމަ އެކަނި ހިތަށް އެރުވުމުން ފުދޭނެ ހެއްޔެވެ؟


  • ޛިކުރުކުރެވޭގޮތް ބެހެނީ ތިންބަޔަކަށް

  • ޛިކުރުގައި އެކަލާނގެ މަތިވެރިކޮށް ޘަނާކިޔުން ހިމެނޭ

ޛިކުރަކީ ޢަރަބި އަޞްލު (ذ ك ر) އިން އައިސްފައިވާ ލަފްޒެކެވެ. މި ލަފްޒުގައި ހިމެނޭ މާނަތަކުގެ ތެރޭގައި، އެއްޗެއް ހަނދުމަކުރުމުގެ ގޮތުން ހިތުގައި ބެހެއްޓުމާއި، އެއްޗެއް ދޫމަތީގައި ހިންގާލުމާއި، ޝަރަފުވެރިކަމާއި، މީހާގެ ވާހަކަ އެނގި މަޝްހޫރުވެގެންވުމާއި، ދީނުގެ ތަފްޞީލުތައް ހުންނަ ފޮތާއި، ނަމާދުކުރުމާއި، ދުޢާކުރުމާއި، ޘަނާކިޔުމާއި، ޙައްޤެއް ބަޔާންކޮށް ރައްކާކޮށްފައިވާ ލިޔުމާއި، ހަނދާންކޮށްދިނުމާއި، އެންމެންގެ މެދުގައި މަޝްހޫރުވެގެންވާ ޛިކުރުކުރުން ހިމެނެއެވެ. (ބައްލަވާ: العين للفراهيدي)

މި ހުރިހައި މާނައަކަށް ވިސްނާއިރު، އަހަރެމެން ޘަވާބު ހޯދުމަށް ކިޔާ ޛިކުރާއި، މި މާނަތަކާއި ގުޅުން ހުރިކަމުގައި ދެކެމެވެ.

މިގޮތުން، ހަނދުމަކޮށް ހިތުގައި ބެހެއްޓުމަކީ ޛިކުރުކުރުމުގެ ބޭނުމެވެ. ޛިކުރު ކުރެވެނީ ދުލުން ކިޔައިގެންނެވެ. ޛިކުރުކުރެވޭ ފަރާތަކީ އެންމެ ޝަރަފުވެރި ފަރާތެވެ. އަދި ހެއްދެވިފަރާތުގެ ވާހަކައަކީ ހެއްދެވިފަރާތް ޤަބޫލުނުކުރާ ފަރާތްތަކަށްވެސް ވަންހަނާވެގެންވާ ވާހަކައެއް ނޫނެވެ.

ދީނުގެ ތަފްޞީލުތައް ހުންނަ ފޮތުގެ ގޮތުގައި ބާވާލެއްވި ފޮތަކީ ﷲ ގެ ބަސްފުޅެވެ. ނަމާދުކުރަނީ ހެއްދެވިފަރާތަށެވެ. ދުޢާކުރަނީ ހެއްދެވި ފަރާތަށެވެ. ޛިކުރުގައި އެކަލާނގެ މަތިވެރިކޮށް ޘަނާކިޔުން ހިމެނެއެވެ. ޛިކުރުކުރުމަކީ ޙައްޤުފަރާތުގެ ޙައްޤު ފުހެވިގެންނުދާނެގޮތަށް ދެމިހުންނަ ހުރުމެކެވެ. ހަމަ އެހެންމެ އެއީ ހެއްދެވިފަރާތުގެ މަތިން ހަނދާންކޮށްދޭ ކޮށްދިނުމެކެވެ.

މަތީގައިވާ ސުވާލަކީ ހިތަށް އެރުމުން ޛިކުރުކުރުން ކަމުގައިވާނެ ހެއްޔެވެ؟

ޛިކުރުގެ ލުޣަވީ މާނައަށް ބަލާއިރު، ލިޔެ ބެލެހެއްޓުމާއި، ލަފްޒު ބޭނުންކުރުމާއި، ހިތަށް އެރުވުމާއި މިހުރިހާ މާނައެއް ހިމެނެއެވެ. މިހެންކަމުން އެންމެ ފުރިހަމަގޮތަކަށްވާނީ، ދުލުން ކިޔުމާއެކު އެކިޔޭ އެއްޗެއްގެ މާނަ ހިތްމައްޗަށް ގެނެސް އެފަރާތެއްގެ މަތިން ހަނދުމަކޮށް ކުރެވޭ ޛިކުރު ބިންވަޅުނެގިގެންދާގޮތަށް ޛިކުރުކުރުމެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا ،‏ وَسَبِّحُوهُ بُكْرَةً وَأَصِيلًا) ‎‏(الأحزاب: 41-42) މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ! އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ!”
މިއާޔަތްތަކަށް ބަލާއިރު، މާތް ﷲ މިވަނީ ގިނަގިނައިން ﷲ ހަނދުމަކުރުމަށް އަމުރުކުރެއްވުމާއި ވިދިގެން ހެނދުނާއި ހަވީރު ތަސްބީޙަކިޔައި އުޅުމަށް އަމުރުކުރައްވާފައެވެ. ހަނދުމަ ކުރުމަކީވެސް ޛިކުރެކެވެ. އަދި ތަސްބީޙަކިޔުމަކީވެސް ޛިކުރެކެވެ. ހަނދުމަކުރުމަކީ ހިތަށްއަރުވައިގެން ކުރެވިދާނެ ކަމެކެވެ. ނަމަވެސް ތަސްބީޙަކިޔުމަކީ ދުލުން ކުރާކަމެކެވެ.

މިހެންކަމުން މި ދެގޮތުގައިވެސް ޛިކުރުކުރުމުގެ މާނަ ހިމެނެއެވެ. ނަމަވެސް މި ދެގޮތް ބަޔާންވެފައި އޮތް އޮތުމުން ދުލުން ކިޔުމާއި އެކު ހިތަށް އެރުވުމުގެ އިތުރުކަން އެނގިގެން ދެއެވެ.

އަދި ޛިކުރުކުރުމަކީ ހިތްތަކުގެ ހަމަޖެހުން އެކަމުގައި ހިމެނޭ ކަމެއްކަމުގައި މާތް ﷲ ވަނީ އަންގަވާފައެވެ. (الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ) (الرعد: 28) މާނައީ: “އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ކަމުގައި ދަންނާށެވެ!” ހިތާއި ހިތުގެ ހަމަޖެހުމާއި ޛިކުރާއި ހުރި ގުޅުން މި އާޔަތުން ސާފުވެގެން ހިނގެއްޖެއެވެ. ވީމާ ޛިކުރުގައި ހިތުގެ ވަޒީފާއެއް އޮތްކަމާމެދަކު ޝައްކެއް ނެތެވެ.

ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުގައިވެސް ޛިކުރުގެވާހަކަ ވިޔަނުވާހާ ގިނައިން އައިސްފައިވެއެވެ. މި މައުޟޫޢުގެ ބޭނުމަށް މިތަނުގައި އޭގެ ތެރެއިން އެއް ޙަދީޘެއް ހިމަނާލާނަމެވެ. عن عَبْدِ اللَّهِ بْنِ بُسْرٍ، أَنَّ رَجُلًا قَالَ: يَا رَسُولَ اللَّهِ إِنَّ شَرَائِعَ الإِسْلَامِ قَدْ كَثُرَتْ عَلَيَّ، فَأَخْبِرْنِي بِشَيْءٍ أَتَشَبَّثُ بِهِ، قَالَ: «لَا يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ» (رواه الترمذي) ޢަބްދުﷲ ބިން ބުސްރު ގެ އަރިހުން ރިވާވެގެންވެއެވެ. މީހަކު ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. އަހުރެން އަދާކުރަންޖެހޭ އިސްލާމްދީނުގެ ޙުކުމްތައް ގިނަވެއްޖެކަން ކަށަވަރެވެ. އަހުރެން އެކަމެއްގައި ގަދަޔަށް ހިފަހައްޓައިގެން ހުންނާނެ ކަމެއްގެ ވާހަކައިން އަހުރެންނަށް ޚަބަރުދެއްވުން އެދެމެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ތިބާގެ ދޫ ޛިކުރުކޮށްގެން ތެތްކަންމަތީގައި ބާއްވާށެވެ” މި ޙަދީޘަށް ބަލާއިރު މި ޙަދީޘުން އެނގޭގޮތުގައި ހިތަށް އެރުވުމެކޭ އެއްފަދައިން ދުލުން ކިޔުމަކީވެސް ޛިކުރުކުރުންކަން އެނގެއެވެ.

އިސްވެދިޔަ ކަންކަމަށްބަލާއިރު، ޛިކުރުކުރެވޭގޮތްތަކަށް ބަލާއިރު ތިންބަޔަކަށް ބެހިގެންވެއެވެ. ބައެއްފަހަރު ހިތާއި ދުލުން ޛިކުރު ކުރެވެއެވެ. މިއީ އެންމެ ފުރިހަމަގޮތެވެ. އެއީ ދުލުން ކިޔުމުން ހިތަށް އެރުމަށް ބާރަކަށްވެފައި، ޝަރުޢީ ނައްޞުތަކުގެ ރޫޙަށްބަލާއިރު އެންމެ ހެޔޮކަންބޮޑީ އެގޮތްކަމުގައިވާތީއެވެ. އަނެއްބައިފަހަރު ހަމައެކަނި ހިތަށް އަރުވައިގެން ޛިކުރުކުރެވެއެވެ. މިއީ ދެވަނަ ދަރަޖައެވެ. ސަބަބަކީ ދުލުންކިޔުމާއި އެކު ހިތަށް އެރުވުމަށްވުރެ އޭގެ އަސަރު ކުޑަވުމުގެ ފުރުޞަތު ބޮޑުވެފައި، ހުރިހައި ނައްޞުތަކެއް އެކުގައި ކިޔުމުން، ދުލުންކިޔުމާއި އެކު ހިތަށް އެރުވުން އިތުރުވެގެންވާތީއެވެ.

ތިންވަނަ ދަރަޖައަކީ ހަމަ އެކަނި ދުލުން ކިޔުމެވެ. މިއީ ހިތަށް އެރުވުމަށްވުރެ ދަށުގެ ދަރަޖައަކަށްވަނީ، ޛިކުރުކުރުމަކީވެސް އަޅުކަމެކެވެ. ޝަރުޢީ އަޅުކަމެއްގައި ނިޔަތް އޮތުމަކީ ލާޒިމުކަމެކެވެ. ވީމާ ދުލުން ކިޔާއިރު ނިޔަތާއެކު ކިޔަންފެށުމުން އެކަން ފުރިހަމަވީ ކަމުގައި ބެލިދާނެއެވެ. ނަމަވެސް މުޅި އަޅުކަމުގައި އެނިޔަތް ދެމިގެންދިއުމާއި، ނުދިއުން ހަމަހަމައެއް ނުވާނެއެވެ. އަޅުކަމުގައި ޝަރުޢީ ސިފަޔާއި ހެޔޮ ނިޔަތް އޮތުން ޝަރުޠުވެގެންވެއެވެ. މިތަނުގައި ޛިކުރުކުރަންފަށާއިރު ހެޔޮނިޔަތް އޮތްނަމަވެސް ނިޔަތް ދެމިގެންދިޔުމާއި އޭގެ މާނަ ހިތްމައްޗަށް ގެނެސްގަތުމާއި ނުގަތުން ތަފާތުވާނެއެވެ. ދުލުން ކިޔުމާއި ހިތަށް އެރުވުމާއި ދެކަމުންކުރެ ކަމަކުން ފުއްދާލާނަމަ ހިތަށް އެރުވުން އިތުރުވެގެން ވެއެވެ.

އަލްއިމާމު އިބުނު ޙަޖަރު ބުޚާރީގެ ޝަރަޙައެއް ކަމުގައިވާ، ފަތުޙުލްބާރީގައި ޛިކުރު ކުރުމުގެ މާތްކަން ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ. ޛިކުރު ކުރުމުގައި (އެބަހީ: ޛިކުރުކުރުން ޞައްޙަވުމުގައި) އޭގެ މާނަ ހިތަށް އެރުވުމަކީ ޝަރުޠެއް ނޫނެވެ. ނަމަވެސް ޛިކުރުގެ މާނަ ފިޔަވައި އެހެންމާނައެއް ހިތަށް ނޭރުވުން ޝަރުޠުވެގެންވެއެވެ. ޛިކުރުކުރާ ކުރުމުގެ ތެރެއަށް ހިތުން އެޛިކުރު ކުރުމަކީ އެންމެ ފުރިހަމަގޮތެވެ.

ވީމާ، ޛިކުރުކުރުމުގެ ތިންދަރަޖައިގެ ތެރެއިން އެންމެ އިތުރުކަން ބޮޑުގޮތަކީ، ހިތާއި ދުލުން ޛިކުރުކުރުމެވެ. އޭގެ ފައިދާ ތަކުގެ ތެރޭގައި ﷲ މަޢުރިފާކޮށް ދެނެގަތުމާއި، ތިމާއާއި ހެއްދެވިފަރާތާއި ގާތްކޮށްދިނުމާއި، އެފަރާތުން ދައްކަވާފައިވާ ތެދު މަގުން ކަސިޔާރުވެގެން ނުދިޔުން ހިމެނިގެންވެއެވެ.

ލިޔުނީ: އަލްއުސްތާޛު މުހައްމަދު ޢީސާ