ޚަބަރު

"ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދެއްވުމަށް ރައީސް އިސްކަންދެއްވާ"


  • ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވި

  • ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ބޮޑު ނިންމެވުމެއް މިހާތަނަށް ނިންމަވާފައި ނުވާކަމަށް ވިދާޅުވި

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދެއްވުމަށް ރައީސް ހާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސް ނިންމަވާ ކޮންމެ ނިންމެވުމަކީވެސް ރައްޔިތުންގެ ލާބައަށް ނިންމަވާ ނިންމެވުމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ވޯޓަކަށް ނުގޮސް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް އޮތް "ލޫޕްހޯލް" ތައް ބަންދުކުރެއްވުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ގައުމުގެ ސިޔާދަތާއި، ސަރަހައްދާއި، އަދި ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދުމަކީ ރައީސް އިސްކަންދެއްވާ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ބޮޑު ނިންމެވުމެއް މިހާތަނަށް ނިންމަވާފައި ނުވާ ކަމަށެވެ.

ސަރުކާރުން މިހާތަނަށް އެޅި ބައެއް ހަރުދަނާ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ވޭޕް މަނާކުރުމާއި ސިނގިރޭޓުގެ ޓެކްސް ބޮޑުކުރުން ފަދަ ނިންމެވުންތަކާ ގުޅިގެން ވިޔަފާރިވެރިންނާއި އެކި ޕްރެޝަރު ގްރޫޕުތަކުން ނުރުހުން ފާޅުކުރި ކަމަށެވެ. ނަމަވެސް، އެއީ ޖީލެއް ސަލާމަތްކުރުމަށް ރައީސް ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، ޑޮލަރުގެ މައްސަލައިގައި ނިންމެވި ނިންމެވުންތަކަށްވެސް ފާޑުކިޔުން އަމާޒުވި ނަމަވެސް، އެއީ ގައުމުގެ އިގްތިސާދީ ދުވެލި ރަނގަޅު ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކުރަންއުޅޭ ކަމަކީ ސަރުކާރުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ ތަރައްޤީގެ މަޝްރޫޢުތައް ބާރުސްޕީޑެއްގައި ކުރިއަށްގެންދިއުން. ދިވެހިރާއްޖޭގެ ތަރައްޤީ ސޮސްސާލާފައޮތް ސޮއްސާލުން ނިންމުމަކަށް ގެނައުން. މިހުރިހާ ކަމަކުންވެސް އަޅުގަނޑުމެންނަށް އެނގުނީ ރައްޔިތުންނަށް ފައިދާކުރާނެ، ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ގެނުވާނެ ކަމަކަަށް ވެއްޖެެއްޔާމު އެ ހުރިހާ ކަމެއްވެސް އެމަނިކުފާނު ކުރައްވާތަން. މިއީ ހަގީގަތަކީ،" ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމްގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނިންމެވި ނިންމެވުމަށް އަލިއަޅުއްވާލެއްވިއެވެ. ވަޒީރު ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށާއި، ނަމަވެސް މީގެ ކުރިން އެއްވެސް ސަރުކާރަކުން މިފަދަ ކަމެއްގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. މީގެ ކުރިން ގާނޫނުއަސާސީއަށް ބަދަލު ގެންނަނީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ އަޑު އެހުމެއް ނެތި ކަމަށްވެސް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.