ޚަބަރު

56 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި


  • ރަށްތަކަށް އެމްބިއުލާންސް ފޮނުވުގެ މަސައްކަތް އެމްޕީއެލްއިން ފެށީ ޖަނަވަރީ 17 ވަނަ ދުވަހު

  • އެމްބިއުލާންސްތައް ހަވާލުކުރުމުގެ އިތުރަށް ދިމާވެދާނެ މައްސަތައް ހައްލުކުރަން ދަސްކޮށްދެވުނު

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 56 ރަށަަކަށް ގެނައި އެމްބިއުލާންސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އެ ރަށްތަކަށް ފޮނުވައިފިއެވެ.

ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް ދެނެގަތުމުގެ ތެރެއިން ފެއްޓެވި މަސައްކަތެވެ.

އެމްޕީއެލްއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރު ކޮންޓުރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިންނެވެ. މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ 56 އެމްބިއުލާންސް މާލެ ގެނެސް އެރަށްތަކާއި ތަޅުދަނޑު ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތުގެ ދަށުން މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް އެމްޕީއެލްއިން ކޮށްފައިވެއެވެ.

މި ޕްރޮގްރާމުގެ ދަށުން އެމްޕީއެލްއިން ރާއްޖެ ގެނައި 56 އެމްބިއުލާންސްގެ ތެރެއިން އެއް އެމްބިއުލާންސް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއެވެ. ބާކީ އެމްބިއުލާންސްތައް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކަށް ފޮނުވާފައިވާ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އަދި މަސައްކަތް އެއްކޮށް ފެބްރުއަރީ 14 ވަނަ ދުވަހަށް ނިންމާލާފައިވާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

އެމްބިއުލަންސްތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ދުއްވުމާއ،ި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މަޢުލޫމާތު އެމްޕީއެލްގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ. އަދި މިހާރު ބޭނުންކުރަމުންދާ ބައެއް އެމްބިއުލަންސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް އެތަންތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މީގެއިތުރުން އެމްބިއުލާންސްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދެމެހެއްޓެނިވިގޮތަކަށް މި އެމްބިއުލާންސްތައް ބޭނުންކުރެވޭނެހެން މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިގޮތަށް މިކަން ކުރުމަށް ސިއްޙީ ވުޒާރާއާއެކު އެއްބަސްވުމެއް ހަދައި އެމްބިއުލަންސްތައް ސަރވިސްކުރުމާއ،ި ބޭނުންވާ ސްޕެއަރ ޕާޓްސް ފޯރުކޮށްދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ސިއްޙީ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.