ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ތ. ކަނިމީދޫ ލިސްޓުން އުނިކޮށްފިއެވެ.
ފަތުރުވެރިކަން ކުރަން ރަށްތަކާއި ފަޅުތައް ތަރައްޤީ ކުރުމަށް ހުޅުވާލީ، 2024 ވަނަ އަހަރުގެ މޭއި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ބުރުގައި 1 އަތޮޅަކުން 14 ރަށަކަށާއި، 3 ފަޅަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އޭރު ކުރި އިއުލާނަށް ގެނައި އިސްލާޙުގައި ތ. ކަނިމީދޫ އަދި ބ. އަތޮޅުގެ ފަޅެއް ލިސްޓުން އުނިކުރުމަށް ވަނީ ނިންމާފައެވެ. މި ދެތަން އުނިކުރާ ސަބަބެއް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައެެއް ނުވެއެވެ.
ލިސްޓުން އުނިކުރި ތ. ކަނިމީދޫއަކީ، 68 ހެކްޓަރުގެ ރަށެކެވެ. ބ. އަތޮޅުން ފަތުރުވެރި ކަމަށް ތަރައްޤީކުރަން ނިންމި ފަޅަކީ، 0.62 ހެކްޓަރުގެ ސަރަޙައްދެކެވެ.
ކަނިމީދޫއަކީ، މީގެކުރިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްދަތަކަށް އަމިއްލަ ފަރާތަކަށް ދޫކުރި ރަށެކެވެ. އޭގެ ފަހުން ވަގުތީ ގޮތުން ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއާ ވަގުތީ ގޮތުން އެރަށް ބެލެހެއްޓުން ޙަވާލު ކުރުމަށްފަހު ފަތުރުވެރި ކަމަށް ތަރައްޤީކުރަން ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން ދަނީ، ފަތުރުވެރިކަން ފުޅާކޮށް ފަތުރުވެރި ކަމަށް އިތުރު އެނދުތައް ނެރުމަށް މަސައްކަތް ކުރަމުންނެވެ. ފަތުުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމުގެ އެނދުގެ އަދަދު ހުރީ 67,475 ގައެވެ. 2024ވަނަ އަަހަރު ނިމުނުއިރު ފަތުރުވެރިކަަމުގެ އަދަދު ހުރީ، 63,248 އެނދުގައެވެ. މިއާއެކު އަހަރުން އަހަރަށް 4،227 އެނދު އިތުރުވެފައިވެއެވެ.
ސަރުކާރުން ވަނީ، މި ސިނާޢަތަށް އިތުރު ރަށްތައް ތަރައްޤީކޮށް ފަތުރުވެރިކަމުން ލިބޭ އާމްދާނީ އިތުރު ކުރުމަށް އަމާޒު ހިފާފައެވެ.