ކުޅިވަރު

ރެފްރީގެ ކޮޓަރިއަށް މެސީ ނުދޭ، އަދަބެއް ނުދޭނެ


އެމެރިކާގެ މޭޖަރ ސޮކާ ލީގުގައި ލޮސްއެންޖަލިސް އަތުން 3-0އިން ބަލިވި މެޗަށް ފަހު މިއާމީގެ ކެޕްޓަން ލަޔޮނަލް މެސީ ރެފްރީނާ ދިމާކުރަން ރެފްރީންގެ ކޮޓަރިއަށް ނުދާ ކަމަށާއި އޭނާ އަށް އެއްވެސް އަދަބެއް ނުދޭނެ ކަމަށް އެ ލީގުން ބުނެފި އެވެ.
މި މެޗަށް ފަހު އެންމެންގެ ކަޅި ހުއްޓުނީ މެސީ ދަނޑުން ފައިބައިގެން ދިޔަލެއް އަވަސް ވުމާއި އޭނާގެ މިސްރާބު ޗޭންޖިން ރޫމް ނޫންތަނަކަށް ހުރުމުންނެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މެސީ ދިޔައީ ރެފްރީންގެ ކޮޓަރިއާ ދިމާލަށެވެ. އަދި އެވަގުތު އޭނާ ހުއްޓުވަން މިއާމީ އަށް ކުޅޭ އޭނާގެ އެކުވެރި އުގުރުއޭ ފޯވަޑް ލުއިސް ސުއަރޭޒް އާއި އެހެން ބައެއް ކުޅުންތެރިން މަސައްކަތް ކުރި މަންޒަރު ވަނީ ޓީވީތަކަށް އަރައިފަ އެވެ. މަނާކޮށްފައިވާ ސަރަހައްދުގެ ދޮރަކުން އެތެރެއަށް ވަނުމަށްފަހު މެސީ އެނބުރި އައއީ އަށް ސިކުންތު ފަހުންނެވެ. ދެން އޭނާ ދިޔައީ އެހެން ކުޅުންތެރިންނާއެކު ޗޭންޖިން ރޫމަށެވެ. މި މަންޒަރުތައް ސީސީޓީވީ ފުޓޭޖްތަކުން ފެނެ އެވެ.
ނަމަވެސް މޭޖަ ސޮކާ ލީގުގެ ސްޕޯކްސް ޕާސަން ބުނީ ދަނޑުގެ ވަނުން މަނާ ސަރަހައްދަށް މެސީ ދިޔަ ވަން ނަމަވެސް އޭނާ ވަނީ ރެފްރީންގެ ކޮޓަރިއަށް ނޫން ކަމަށެވެ. އަދި އާޖެންޓީނާގެ ކެޕްޓަން އެ ލީގުގެ އެއްވެސް ގަވާއިދަކާ ހިލާފުވެފައިނުވާ ކަމަށެވެ. މިހެންވެ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް އެއްވެސް އަދަބެއް ނުދޭނެ ކަމަށެވެ.
މީގެ ކުރިން މަނާ ސަރަހަދަށް ވަދެ ރެފްރީންގެ ކޮޓަރިއަށް ވަދެފައިވާތީވެ އެފްސީ ސިންސިނާޓީގެ ޑިފެންޑަރު މަޓް މިއަޒްގާ ވަނީ 2023 ވަނަ އަހަރު ތިން މެޗަށް ސަސްޕެންޑްކޮށްފަ އެވެ. މޭޖަ ސޮކާ ލީގުގައި މެސީ ކުޅެން ފެށި ފަހުން އޭނާ އަށް މިހާތަނަށް ދީފައިވަނީ އެންމެ އަދަބެކެވެ. އެއީ އެ ލީގުގެ އޯލްސްޓާ ޓީމަށް ނެގުމުން އެ މެޗުގައި ކުޅެފައިނުވާތީވެ އެއް މެޗުގެ ސަސްޕެންޝަނެކެވެ.
އާ ސީޒަނުގެ ފުރަތަމަ މެޗުން މިއާމީ ބަލިވެފައިވާއިރު އެ ޓީމަށް ދެން އޮތީ އޯލާންޑޯ ސިޓީއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ކުޅޭ މެޗެވެ. މި ފަހަރުގެ ސީޒަން މިއާމީން ފެށީ ހުސްވި ސިޒަނަށް ފަހު ރިޓަޔާކުރި މެސީގެ ދެ އެކުވެރިން ކަމަށްވާ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ނުލަ އެވެ. ސްޕޭނުގެ މި ދެ ކުޅުންތެރިންނަކީ މެސީއާއެކު މިއާމީ އަށް ކުޅުމުގެ ކުރިން އޭނާއާއެކު ސްޕޭނުގެ ބާސެލޯނާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ދެ ކުޅުންތެރިންނެވެ.