މިމަހުގެ މިހާތަނަށް ރާއްޖެއަށް ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ރާއްޖެއަށް އެވްރެޖްކޮށް ފެބްރުއަރީ މަހު ޒިޔާރަތްކޮށްފައިވަނީ އެއްލައްކަ ހަތްދިހަ ހާހެއްހާ ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދު މަހުން މަހަށް ދަނީ އިތުރުވަމުންނެވެ. އެވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް 200،971 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ، ވޭތުވެދިޔަ 2 އަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ. 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 174،360 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2024 ވަނަ އަހަރު ޒިޔާރަތްކޮށްފައިވަނީ 170،520 ފަތުރުވެރިންނެވެ.
2024 ވަނަ އަހަރުގެ ފަހުން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ރިކޯޑު ކުރެވިފައިވަނީވެސް މި މަހުގެ ތެރޭގައެވެ. އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހު 11،136 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް އައި ފަތުރުވެރިންނާއެކު ރާއްޖެއަށް މިއަހަރު 428،169 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް މިމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކުވެސް އަށްހާހެއްހާ ފަތުރުވެރިން ޒިޔާރަތް ކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ވިލާތުގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތްވެސް މިމަހު ގިނައެވެ. ޗައިނާ އަށްފަހު ދެން އެންމެ ގިނައިން މި މަހު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއާއި އިޓަލީވިލާތާއި، އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުންނެވެ.
ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިން މައިގަނޑު ގޮތެއްގައި ޗުއްޓީ ހޭދަކުރަނީ، ރިސޯޓުތަކުގައެވެ. އޭގެއިތުރުން ގެސްޓްހައުސްތަކާއި، ހޮޓެލްތަކާއި، ސަފާރީތަކުގައިވެސް ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. ރާއްޖެއަކީ، ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލަކަށް ހެދުމަށް ސަރުކާރާއި، އަމިއްލަ ވިޔަފާރިތަކުންވެސް ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.