ކްރިކެޓް ބޯޑް އޮފް މޯލްޑިވިސް އިން އިންތިޒާމުކޮއްގެން ކޮންމެ ރަމަޟާން މަހަކުވެސް ބާއްވަމުން އަންނަ ކުރިކެޓް ކާނިވަލު ކުޅުން ފަށައިފިއެވެ. މައިލޯ ރަމަޟާން ކުރިކެޓް ކާނިވަލުގައި ނަމުގައި މިއަހަރު ކުރިއަށްދާ މުބާރާތުގައި މއަދު ފުރަތަމަ ކުޅުން ފެށީ އޯޕަން ޓޭޕް ބޯލް މުބާރާތެވެ.
މުބާރާތުގެ ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކުލަބާއި، ސަންކުއިކް ލިލީންނެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކުރިކެޓް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކުލަބުން ކުރި ހޯދީ ކަރުދާސް ކުރިކެޓް ކުލަބާ ވާދަކޮށް 10 ވިކެޓުން މެޗު ކާމިޔާބުކޮއްގެންނެވެ.
ފުރަތަމަ ކަރުދާސް ޓީމުން ކުޅެން އަރާ 8 އޯވަރު ހަމަވި އިރު އެއް ކުޅުންތެރިއަކު ނުބައިވެގެން ހެދިފަވަނީ 123 ލަނޑެވެ. ކަރުދާސް ޓީމުން އެންމެ ރަނގަޅަށް ކުޅެފަވަނީ 15 ބޯޅައިން 35 ލަނޑު ހެދި އިސްމާއިލް މާއިޒް މުހައްމަދެވެ.
ޖަވާބުގައި ދިވެހި ސިފައިންގެ ކުލަބުން ކުޅެން އަރާ މެޗު ކާމިޔާބު ކުރީ ހަ އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 127 ލަނޑު ހަމަކޮއްގެންނެވެ. ސިފައިންގެ ޓިމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 14 ބޯޅައިން 28 ލަނޑު ހެދި އަބްދުﷲ ޝާހިދެވެ.
މިއަދު ކުޅުނު ދެވަނަ މެޗު ސަން ކުއިކް ލިލީ މެޗު ކާމިޔާބު ކުރީ ކިންޒާ ކެފޭއާ ވާދަކޮށް 93 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ސަންކުއިކް ލިލީން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން ހެދިފަވަނީ 189 ލަނޑެވެ. ސަންކުއިކް ލިލީ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 36 ލަނޑު އެއްކުރި ޝާހިދު މުހައްމަދުއެވެ.
ޖަވާބުގައި ކިންޒާ ކެފޭ އިން ކުޅެން އަރާ 8 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދިފަވަނީ 96 ލަނޑެވެ. ކިންޒާ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 9 ބޯޅައިން 34 ލަނޑު ހެދި މޫސާ މިޖާދެވެ.
މި އަހަރު އޯޕަން ޓޭޕްބޯލް މުބާރާތުގައި ވާދަކުރާ 13 ޓީމެއް ވަނީ ތިން ގުރޫޕަކަށް ބަހާލާފައެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް، ގްރޫޕްގެ އެންމެ މޮޅު ޓީމާއި، ހުރިހާ ގްރޫޕެއް އެއްކޮށް އެންމެ މަތިން ޕޮއިންޓު ހޯދާ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާގޮތަށެވެ.