ޚަބަރު

ރާއްޖެ-މެލޭޝިއާ: ސިޔާސީ ގުޅުމަކަށްވުރެ ވަރުގަދަ، އެކުވެރި ގުޅުމެއް


  • ދެޤައުމަކީ އިޖުތިމާއީ އިގުތިޞާދީ ތަރައްޤީގެ ބައިވެރިން

  • ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ވަނީ ވަރަށް ރަނގަޅު ގުޅުމެއް ޤާއިމުވެފައި

ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 58 އަހަރުވެފައިވާއިރު، މެލޭޝިއާ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި އެއްގޮތް ކަންކަން ގިނައެވެ. އޭގެ ތެރޭގައި ދީނާއި އާއްމު ދިރިއުޅުމާއި ހެދުން އެޅުމާއި ކެއުން ބުއިން ހިމެނެއެވެ. މިފަދަ ކަންތައްތަކާއެކު މެލޭޝިއާއަކީ ދިވެހިންނާއި ހަތް ގައުމެއްގެ އިތުރުން، ދިވެހިން ވަރަށް ގަޔާވާ މަންޒިލެއްވެސްމެއެވެ.

އިޖުތިމާއި އިގުތިޞާދީ ތަރައްޤީގެ ބައިވެރިން

ދިވެހިންނާއި މެލޭޝިއާ މީހުންނާ ދެމެދު އޮތް ގާތް ގުޅުން ހާމަވަނީ އެކި ބޭނުންތަކަށް މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި އެކި ބޭނުންތަކަށް މެލޭޝިއާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުމުން ދާތީއެވެ. މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންގެ ތެރޭގައި، ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި އެމީހުންގެ އާއިލާތައް ހިމެނެއެވެ.

މެލޭޝިޔާގެ ޔުނިވަސިޓީތަކަށް ދިވެހިންގެ އިތުބާރު ބޮޑެވެ. އޭގެސަބަބުން ދިވެހި ދައުލަތާއި ޕްރައިވެޓް ސެކްޓަރުގައި ހިދުމަތްކުރާ ބޭފުޅުންގެ ތެރޭގައި މެލޭޝިޔާގެ އެކި ޔުނިވަރސިޓީތަކުން ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅުންގެ އަދަދު ވަރަށްވެސް ގިނައެވެ. އޭގެ ތެރޭގައި މެޑިސިން، އިންޖިނިއަރިންގ، އޭވިއޭޝަން އަދި ބިޒްނަސް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ އިތުރުން ދީނީ އިލްމުގެ ދާއިރާ ހިމެނެއެވެ.

ތައުލީމީ ބޭނުންތަކަށް މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންގެ އިތުރުން، ޗުއްޓީއާއި ސިއްހީ ބޭނުންތަކަށްވެސް ގިނަ އަދަދެއްގެ ދިވެހިން މެލޭޝިޔާއަށް ދަތުރުކުރެއެވެ. މެލޭޝިޔާގައި ބައެއް ދިވެހިން ވަޒިފާ އަދާކުރަމުންދާއިރު ވިޔަފާރީގެ ބޭނުންތަކަށްވެސް މެލޭޝިއާގައި ދިރިއުޅޭ ދިވެހިންވެސް އުޅެއެވެ.

ދަތުރުފަތުރާއި ފަތުރުވެރިކަމުން ގުޅިލާމެހިފައި

ގިނަ އަދަދެއްގެ ދިވެހިން މެލޭޝިޔާއަށް ދަތުރުކުރާއިރު، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ވަނީ ވަރަށް ރަނގަޅު ގުޅުމެއް ގާއިމުވެފައެވެ. ދެ ގައުމުގެ މެދުގައި އޮތް ދަތުރުފަތުރުގެ ގުޅުން ބަދަހިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ކުއާލަލަންޕޫރު އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރެވޭ ސީދާ ދަތުރުތަކެވެ. ގަވާއިދުން ކޮންމެ ދުވަހަކު، ވައިގެ ދަތުރުތައް ބާއްވާ އެތައް އެއާލައިނެއް ދަނީ އޮޕަރޭޓްކުރަމުންނެވެ.

ވައިގެ ގުޅުން ފުޅާވަމުން ގޮސް، ދިވެހިން މެލޭޝިޔާއަށް ދަތުރުކުރުމުގެ އިތުރުން، ރާއްޖެއަށް ޗުއްޓީއަށް އަންނަ މެލޭޝިޔާ ރައްޔިތުންވެސް ދަނީ އިތުރުވަމުންނެވެ. މީގެ އިތުރުން މެލޭޝިއާއަކީ ބައެއް އެހެން މަންޒިލްތަކަށް ދިވެހިން ދަތުރުކުރުމަށް ބޭނުންކުރާ ޓްރާންސިޓް ހަބެއްވެސްމެއެވެ. އަދި ބައެއް ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަށް ޓްރާންސިޓް ހަބެއްގެ ގޮތުގައި މެލޭޝިއާ ބޭނުންކުރެއެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ކުރިއެރުންތައް ދަނީ ލިބެމުންނެވެ.

އިގުތިޞާދުގެ މުހިއްމު ބައިވެރިއެއް

ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ގުޅުންތަކުގެ އިތުރުން ރާއްޖެއަށް ބޭނުންވާ އާއްމު ކާބޯތަކެއްޗާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަދި އެހެނިހެން މުދާ އެތެރެކުރުމުގައި މެލޭޝިޔާއަކީ މުހިންމު ދައުރެއް އަދާކުރާ އިގުތިޞާދީ ބައިވެރިއެއްވެސްމެއެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ލަކުޑިއާއި ފިލައާއި އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރާ އެއް ގައުމަކީ މެލޭޝިޔާއެވެ. މީގެ އިތުރުން ޕެޓްރޯލިއަމް އާއި ގޭހުގެ ބާވަތްތަކާއި ޓެލެކޮމިއުނިކޭޝަން ދާއިރާއަށް ބެނުންވާ އިލެކްޓްރޯނިކާއި، އެކި ބާވަތްތަކުގެ ތައްޔާރީ ކާނާއާއި ކައްކާ ތެޔޮ ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި މެލޭޝިޔާ ހިމެނެއެވެ.

ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާއިރު, ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ދެގައުމުގެ ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ވިޔަފާރިވެރިންނަށް މާލީގޮތުން ހުރި ހުރަސްތައް ކުޑަކުރުމަށް ގާއިމުކޮށްފައިވާ އެއްބަސްވުންތައް ހިމެނެއެވެ.

ވަރުގަދަ ގުޅުން: ފާގަތި މުސްތަގްބަލެއްގެ ޔަގީންކަން

ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި މެލޭޝިޔާއިން މުހިއްމު ދައުރެއް އަދާކުރާއިރު، މުސްތަގުބަލުގައި އެ ދައުރު އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަގީންކަން ބޮޑެވެ. އެގޮތުން އިގުތިޞާދު ސިންދަފާތުކުރުމަށް ދެ ގައުމުންވެސް ކުރަމުންދާ މަސައްކަތުގެ ދަށުން، އިއާދަކުރެވިނިވި ހަކަތައާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ހަލާލް ސެޓިފިކޭޝަންގެ ދާއިރާއިން ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މެލޭޝިއާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 58 އަހަރު ވެފައިވާއިރު، އެ ގުޅުން އޮތީ ހަމައެކަނި އާދައިގެ ހާރިޖީ ގުޅުމެއްގެ ގޮތުގައެއް ނޫންކަން މިއޮތީ ހާމަވާށެވެ. ދެ ގައުމުގެ މެދުގައި އޮތް ވަރުގަދަ ސިޔާސީ ގުޅުމެކޭ އޮތްގޮތަށް، އިޖުތިމާއި އަދި އިގުތިޞާދީ ގުޅުންތައްވެސް ވަނީ ވަރުގަދަވެ، ބަދަހިވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައިވެސް މެލޭޝިޔާއާއި ރާއްޖޭގެ ގުޅުންތައް އިތުރަށް ބަދަހިވެ، އިޖުތިމާއީ ގޮތުންނާއި އިގުތިޞާދީ ގޮތުން ދެ ގައުމަށް އިތުރު ކުރިއެރުންތައް މުސްތަގްބަލުގައި ލިބޭނެކަމާމެދު ޝައްކެތް ނެތެވެ.