ޑިމޮކްރަސީއަކީ މިހާރު ރާއްޖެއަށް އައު ނިޒާމެއް ނޫނެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖެއަށް މި ނިޒާމު ލަހުން އައި ނަމަވެސް ދިވެހިން ވަނީ މި ނިޒާމު ފުރިހަމައަށް ބަލައިގެންފައެވެ. ނަތީޖާއެއްގެ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑިމޮކްރަސީގައި އެންމެ ކުރިއަރާފައިވާކަމަށް ބުނާ ޤައުމުތަކަށްވުރެ އެ ނިޒާމަށް ރާއްޖެ މާބޮޑަށްވެސް ހޭނިއްޖެއެވެ.
ޑިމޮކްރަސީއަކީ ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އަންނަ ނިޒާމެކެވެ. މި ނިޒާމުގެ އެންމެ މުހިންމު މަގުޞަދަކީ ރައްޔިތުން ބާރުވެރިކުރުވުމެވެ. ޤައުމުގެ ކަންކަމުގައި އެ ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނަށް މި ނިޒާމު ބަލައިގަނެވުނީވެސް މިހެންވެއެވެ.
އެކި ޤައުމުތަކުގައި ޑިމޮކްރަސީގެ ނިޒާމަށް އަމަލުކުރަމުން އަންނަ ގޮތްތަކުގައި ތަފާތުތައް ހުރެއެވެ. ނަމަވެސް ބަދަލުނުވާ އެއް ސިފަތަކެއް ހުރިހާ ޤައުމެއްގައިވެސް ހުރެއެވެ. އެއީ ޤާނޫނުތައް ހަމަހަމަކަމާއެކު އެންމެންނަށް ހިންގުމާއި މިނިވަން، އިންސާފުވެރި، އެންމެން ބައިވެރިވާ، އިތުބާރުކުރެވޭ އިންތިޚާބުތައް ބޭއްވުމެވެ. އަދި ނަޒާހަތްތެރިކަމާއެކު ދައުލަތް ހިންގުމާއި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޖަވާބުދާރީ ކުރުވުމެވެ.
މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިން އޮތް ނޫ ޤާނޫނު އަސާސީގައިވެސް "ޑިމޮކްރެޓިކް" ވަރަށް ގިނަ ސިފަތަކެއް ހިމަނާފައިވެއެވެ. އެހެންނަމަވެސް ވެރިކަމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ކޯޓުތަކަށް ނުފޫޒު ނުފޯރުވޭގޮތަށް މިނިވަންކަމާއެކުއެކުގައި މަސައްކަތް ކުރެވޭނެ ގޮތަށް ތަންފީޒުވެ، ރާއްޖެ މިއަދު މިދެކޭ ޑިމޮކްރެޓިކް ނިޒާމެއް އައީ 2008ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ޤާނޫނުއަސާސީއާއެކުގައެވެ.
ފުރިހަމަ ޑިމޮކްރަސީއެއް ގާއިމުކުރުމަށް ރާއްޖެ ކުރަމުންދާ ދަތުރުގައި ދުނިޔޭގެ އެހެން ޑިމޮކްރެޓިކް ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭން ވަނީ ބޮޑެތި ކުރިއެެރުންތަކެއް ހާސިލްކޮށްފައެވެ. ވެރިކަމުގެ ނިޒާމާއި ޤާނޫނު ހެދުމުގެ ނިޒާމާއި ޝަރުޢީ ނިޒާމު ވަކިވެ، ވެރިކަމުގެ ނިޒާމާއި ޤާނޫނުހެދުމުގެ ނިޒާމުގައި 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ހިއްސާ އޮންނަ ގޮތަށް ނިޒާމު ވަނީ ބަައްޓަންވެފައެވެ.
ދިވެހި ރައްޔިތުންނަށް ޑިމޮކްރަސީގައި ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ ވޯޓުލުމުގެ މިނިވަންކަމުގައި ލިބިފައިވާ ކުރިއެރުންތަކެވެ. ޑިމޮކްރަސީގައި ޗެމްޕިއަނުން ކަމަށް ދަޢުވާ ކުރާ ޤައުމުތަކަށްވުރެ މިއަދު ރާއްޖޭގައި މި ޙައްގު ރައްޔިތުންނަށް ކަށަވަރުވެފައި އޮތް މިންވަރު މާބޮޑެވެ. ރާއްޖޭގެ ޤާނޫނުއަސާސީން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓުލުމުގެ ޙައްގު ހޯދައިދެނީ އެކަމަށް އެދި އާދޭސް ކުރަން ނުޖެހޭގޮތަށެވެ.
ޤައުމުގެ ވެރިޔާއިން ފެށިގެން ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ރައްޔިތުންގެ ކަންކަން ނިންމުމަށާއި ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ވެރިޔަކު އިންތިޚާބު ކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ލިބެއެވެ. ޤާނޫނުތައް ހެދުމުގައި އެ ރައްޔިތެއްގެ އަޑު އިއްވާނެ ޚާދިމެއްގެ ގޮތުގައި މަޖިލިސް މެންބަރުން އިންތިޚާބު ކުރުމުގެ ބާރުވެސް ރައްޔިތުންނަށް ލިބެއެވެ. މި އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންތިޚާބުތަކެއްކަން މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް ޤަބޫލުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ނިޒާމު ކުރިއަރާފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.
ޑިމޮކްރަސީގެ ބާރުތަކުގެ ތެރެއިން އެއްވެ އުޅުމާއި، ޙިޔާލުފާޅުކޮށް ޖަވާބުދާރީ ކުރުމަކީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އެއްބާރެވެ. ނަމަވެސް އާންމު ރައްކާތެރިކަމާއި، މުޅި މުޖުތަމައުގެ ސަލާމަތްތެރިކަން ނަގާލެވޭގޮތަށް އެކަން ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެކެވެ. ޑިމޮކްރަސީ އަކީ އަނެކާގެ ހައްގުތަކަށްވެސް އިހުތިރާމްކޮށް، މުޅި މުޖުތަމައުގެ ހެވާއި ލާބައަށް ކުރެވޭ މަސައްކަތަކުން ފައްކާ ކުރެވޭނެ ނިޒާމެކެވެ.
ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމަށް ރާއްޖޭގައި އަމަލުކުރި ނަމަވެސް އަދިވެސް މި ނިޒާމު އިތުރަށް ފައްކާ ކުރެވޭނެއެވެ. ސިޔާސީ ޕާޓީތައް އެއް މޭޒަކަށް އެއްވެ މަޝްވަރާ ކުރުމާއި ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރުމަކީ މި ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު މިހާރަށްވުރެ ބޮޑުވެގެންދާނެ ކަމެކެވެ. މި ނިޒާމު ފައްކާކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަދި ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ޚިޔާލުތަފާތުތައް ހުރިނަމަވެސް ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.