ޅެންވެރިކަން ޒުވާން ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ހައި ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނެވެ.
ޅެންވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ޅެންވެރިންނަކީ ޤައުމެއްގެ ދެމިއޮތުމާއި، އަޚުލާގާއި، ދިރިއުޅުމުގެ މާނަތަކާއި މަޤްޞަދުތައް މުޖުތަމަޢަށް ބަޔާންކޮށްދޭ ބައެއްގެކަމަށެވެ. އަދި ހިތްވަރާއެކު ޅެންވެރިކަން ޒުވާން ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމިއްޔަތު އިޔާދަކުރުމަށް ގެންގުޅުއްވާ ތަޞައްވުރަށް އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން ރައީސްގެ ފުރަތަމަ ޤައުމީ މުޚާޠަބުކުރެއްވުމުގައާއި، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ދިވެހި ތަރިކައާއި ގައުމިއްޔަތު އިޔާދަކުރުމުގެ މަޝްރޫޢުގެ މުހިންމުކަން ބަޔާންކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިދާއިރާ ކުރިއެރުވުމަށް ގެންނަންޖެހޭ ބަދަލުތަކަށް ރައީސް އިސްކަންދެއްވާކަން ވަޒީރު ބަޔާންކުރެއްވިއެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ މުޚާޠަބުކުރެއްވުމުގައި ދިވެހި ތަރިކައިގެ ދާއިރާއާއި ގުޅޭ ޚާއްސަ ވާހަކަތަކެއް ބަޔާން ކޮށްދެއްވާފައި. އަދި މި ދާއިރާ ޢިލްމީ ކުރުމާއި މިދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޚާއްސަ މަޝްރޫޢުތަކެއް މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކޮށްދެއްވާފައި. އެހެން ކަމުން މިދާއިރާ މިހާރު މިވަނީ ވަކި ދާއިރާއެއްގެ ގޮތުގައި ސިފަކުރެވި ޚާއްސަ ސިޔާސަތެއްގެ ދަށުން ހިންގަން ފެށިގެން ގޮސްފައި." ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.
ތަރިކައިގެ ބައިތަކަށް ބައްލަވާލައްވަމުން ވަޒީރު ވިދާޅުވީ، ތަރިކައިގެ ތެރޭގައި މާއްދީ، ތޮބީއީ އަދި މައުނަވީ ތަރިކަ ހިމެނޭއިރު، ޅެންވެރިކަމާއި ބަހަކީ އޭގެ ތެރެއިން މައުނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކެއް ކަމަށެވެ. އަދި ޅެންވެރިކަމަކީ ދިވެހި ޤައުމީ ވުޖޫދުގައި ތަރިކައާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ދާއިރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވަނީ މިއަހަރުގެ ޅެންވެރިންގެ ދުވަސް ތަޚްޞީސްކުރެވުނު އައްޑޫ ސިޓީ ހިތަދޫ ކެމީ، ޙަސަން ލަބީބްގެ ޅެންފޮތް "ގުލޭނޫރަންމާ" ނެރެދެއްވާފައެވެ. އަދި ޅެންވެރިޔާ ޙަސަން ލަބީބްގެ ޚިދުމަތް ފާހަގަކޮށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.