މިދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އަދި ޑެންގީހުމުގެ ކޭސްތައް އިތުރުވެފައިވާތީ މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ޢިލްތިމާސްކޮށްފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ، ފާތިމަތު ނަޖުދާ ވިދާޅުވީ މިދުވަސްވަރު ބޭރަށް ހިންގުމާއި، އަރިދަފުސް ރޯގާ އަދި ޑެންގީހުން ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. މިގޮތުން ޖަނަވަރީ މަހު ބޭރަށް ހިންގުމުގެ 5000 އަށްވުރެ ގިނަ ކޭސް ރިކޯޑްކުރެވިފައިވާއިރު، އަރިދަފުސް ރޯގާގެ 6000 އަށްވުރެ ގިނަ ކޭސް ރިކޯޑްކުރެވިފައިވާ ކަމަށެވެ. އަދި ޑެންގީހުމުގެ 300 އަށްވުރެ ގިނަ ކޭސްތައް ރެކޯޑުކުރެވިފައިވާ ކަމަށްވެސް ނަޖުދާ ވިދާޅުވިއެވެ.
ބޮޑު ޗުއްޓީގެ ދުވަސްވަރާއި ދިމާކޮށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށާއި، އެހެނިހެން ކަންކަމުގައި ބޭރަށް ދަތުރުކުރި މިންވަރު ވަނީ އިތުރުވެފައެވެ. އަދި އަތޮޅުތެރެއިން ގިނަ އަދަދެއްގެ މީހުން މާލެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މިކަމުގެ ސަބަބުން މިދުވަސްވަރު ޢާއްމު ބަލިތައް ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. ނަޖުދާ ވިދާޅުވީ، މިބަލިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާއިރު، އެންމެ ގިނަ އަދަދެއްގެ ކޭސްތައް ފެނިފައިވަނީ މާލެ ސަރަޙައްދުން ކަމަށެވެ.
ބޭރަށް ހިންގުމާއި، އަރިދަފުސް ރޯގާ އަދި ޑެންގީހުމަކީވެސް ގައިންގަޔަށް އަރާ ބަލިތަކެކެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ސީނިއަރ ކޮންސަލްޓަންޓް އިން ޕީޑިއެޓްރިކްސް، އަޙްމަދު ފައިސަލް ވިދާޅުވީ، ދަތުރުފަތުރުކުރުން އިތުރުވުމާ ގުޅިގެން މިބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑުވެގެންދާ ކަމަށެވެ.
ބޭރަށް ހިންގުމުގެ ބަލި އެންމެ ބޮޑަށް ފެތުރެނީ ފެނާއި ކާބޯތަކެތިން ކަމަށާއި، ކެއުމުގެ ކުރިން އަތް ނުދޮވުމަކީ ބައްޔަށް ހުށަހެޅިގެންދާ ބޮޑު ސަބަބެއް ކަމަށް ޑޮކްޓަރ ފައިސަލް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކާނާ ތައްޔާރު ކުރުމާއި، ރައްކާތެރި ކުރުމުގައި ކާތަކެތީގައި ޖަރާސީމު އަށަނުގަނެވޭނެކަން ކަށަވަރު ކުރުން މުހިންމު ކަމުގައި ޑޮކްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ފިނި މާޙައުލުތަކުގައި ރައްކާކުރަންޖެހޭ ތަކެތި ފިނި ފިލުވާފައި އަލުން ފިނިކުރުމަކީ އެތަކެތީގައި ޖަރާސީމު އުފެދުމަށް މަގުފަހިވާ ކަމަކަށްވާތީ އެކަމަށް ސަމާލުވުމަށް ޑޮކްޓަރ ޢިލްތިމާސް ކުރެއްވިއެވެ.
މީގެއިތުރުން އަރިދަފުސް ރޯގާ ފެތުރުމަށް މަގުފަހިވަނީ ސީދާ ބަލި ހުރި ފަރާތަކާ ނުވަތަ ބަލި ހުރި ފަރާތެއް ބޭނުންކޮށްފައިވާ އެއްޗަކާ ކޮންޓެކްޓްވާ ފަރާތްތައްވެސް ބައްޔަށް ހުށަހެޅިގެން ދިޔުމުންނެވެ. މިގޮތުން، އޭޓީއެމް ފަދަ ޤަވާއިދުން ގިނަ މީހުން ބޭނުންކުރާ ތަކެތިން ޖަރާސީމު ފެތުރޭކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.
ޑެންގީ ހުން ފެތުރެނީ މަދިރީގެ ޒަރިއްޔާއިން، ބަލި ހުރި ފަރާތަކުން ސިއްޙަތު ސަލާމަތުން ހުރި ފަރާތްތަކަށް ބަލި ހުށަހެޅުމުންނެވެ. އެހެންކަމުން، ޑެންގީ ފެތުރުން އިތުރުވަނީ މަދިރި އާލާވުން ގިނަވުމުން ކަމުގައި ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ. އަދި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށްޓަކައި ރޯގާގެ އަލާމާތްތައް ހުންނަނަމަ، ބޭރުތެރެއަށް ނުކުމެ އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވައެވެ. އަދި ކެއްސާ ކިނބިހި އަޅާއިރު ރަނގަޅަށް ނޭފަތާއި، އަނގަ ނިވާ ކުރުމަށާއި، ގިނަގިނައިން އަތް ދޮވުމަށާއި ސެނިޓައިޒް ކުރުމަށްވެސް އިރުޝާދު ދެއްވައެވެ.
ބޭރަށް ހިންގުން އެންމެ ބޮޑަށް ފެތުރެނީ ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ޒަރީޔާއިން ކަމަށްވާތީ، ބަލިން ރައްކާތެރިވުމަށްޓަކައި، ރައްކާތެރި ގޮތުގައި ކާބޯތަކެތި ތައްޔާރު ކުރުމުގެ މުހިންމުކަން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ، ނަޖުދާ ފާހަގަކުރެއްވިއެވެ. މިގޮތުން، ކާބޯތަކެތި ތައްޔާރު ކުރާއިރު ރަނގަޅަށް އަތްދޮވުމަށާއި، ފާހާނާ ބޭނުން ކުރުމަށްފަހުވެސް އަތްދޮވުމަށް ސަމާލުކަން ދިނުމަށް ޢިލްތިމާސް ކުރެއްވިއެވެ.
ޑެންގީ ބަލިން ރައްކާތެރިވުމަށްޓަކައި، ގޯތި ތެރޭގައި ފެން ހަރުލާ ތަންތަން ނައްތާލައި، ފެނުގައި ގަސް ހައްދާނަމަ، ޤަވާއިދުން ފެން ބަދަލުކޮށް، މަދިރި ފަނި އާލާވޭތޯ ބެލުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ޢިލްތިމާސްކުރައްވައެވެ. މީގެ އިތުރުން، މިފަދަ ބަލިތަކުގެ އަލާމާތްތައް ފެންނަ ހިސާބުން ސްކޫލަށާއި، އޮފީހުގެ އިތުރުން މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުން ރަނގަޅުނޫން ކަމަށްވެސް ނަޖުދާ ވިދާޅުވިއެވެ.
Diarrhea cases are increasing. Handwashing with soap can stop the spread of diseases. Take preventive measures. stay clean, stay safe.#DenguePrevention #StaySafe #MosquitoControl #Fluprevention pic.twitter.com/eopjzx4F1w
— Health Protection Agency (@HPA_MV) February 12, 2026
އާންމުގޮތެއްގައި ޗުއްޓީ ދުވަސްވަރާއި، ދަތުރުފަތުރުކުރުން އިތުރުވާ ދުވަސްވަރާއި ދިމާކޮށް ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރޭ މިންވަރު އިތުރުވެއެވެ. އެހެންކަމުން، ނަޖުދާ ވިދާޅުވީ، މިފަދަ ބަލިތަކަށް ރައްޔިތުން ހޭލުންތެރި ކުރުމަށް އެޗްޕީއޭގެ ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަތޮޅު ތެރޭގައި ކުރާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި، ކައުންސިލްތަކާއި ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް ބަލިތަށް ފެތުރޭ ދުވަސްވަރެއްނަމަ ރައްޔިތުންނަށް މަޢުލޫމާތުދީ، ރަށުތެރެ ސާފުކޮށް ބަލަހައްޓައި، ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ އާދަތައް ބެހެއްޓުމަށް ބާރުއަޅާ ކަމަށް ވިދާޅުވިއެވެ.
މިފަަދަ ބަލިތައް ފެތުރޭ ދުވަސްވަރާއި ދިމާކޮށް، ޚާއްޞަކޮށް ޙައްޖުވެރިންނާއި ޢުމްރާވެރިން ރާއްޖެއަށް އަންނަ ދުވަސްވަރާއި ދިމާކޮށް، މާލެ ސަރަޙައްދުގައި ފްލޫ ކްލިނިކްތަށްވެސް ޤާއިމްކުރެއެވެ. އަދި ރަށްރަށުގައިވެސް މިފަދަ ޙާލަތްތަކުގައި ފްލޫ ކްލިނިކްތައް ޤާއިމުކުރުމަށް އިރުޝާދު ދީ، އެގޮތުގެ މަތިން ޚިދުމަތް ދެމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.