ޚަބަރު

އިހަވަންދޫގައި އަލަށް ބިނާކުރި މިސްކިތް ހުޅުވައިފި


  • މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު

  • މިއީ އަމިއްލަ ފަރާތެއްގެ އެހީގައި ބިނާކުރި މިސްކިތެއް

  • 200 މީހުންގެ ޖާގައިގެ މިސްކިތެއް

ހެޔޮ އެދޭ ފަރާތަކުން ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް "މަސްޖިދު ޒުބައިދާ އަޙްމަދު" ހުޅުވައިފިއެވެ.

މިސްކިތް ހުޅުވުމަށްޓަކައި މިއަދު އިހަވަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މިސްކިތް ހުޅުވައިދެއްވުމަށްފަހު ވަޒީރު ވަނީ މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދު ކުރައްވާފައެވެ.

މި މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މާތް الله އަށްޓަކައި މިސްކިތެއް ބިނާކުރުމަކީ ވަރަށްވެސް މާތް މަތިވެރި ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މާތް الله އަށްޓަކައި ބިންމަތީގައި މިސްކިތެއް ބިނާކޮށްފި މީހާއަށް ސުވަރުގޭގައި ގަނޑުވަރެއް މާތް الله ބިނާކޮށްދެއްވާނެކަމަށް ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ މި މިސްކިތް ދިރުވުމަށް އިހަވަންދޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރެވުނު މިސްކިތެކެވެ. އެއް ފަންގިލާ ހިމެނޭ މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ރަމަޟާން މަހުގެ ކުރިން 8 މިސްކިތެެއް ހުޅުވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަމާޒު ހިފާފައިވާއިރު، މީގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ވަނީ ރަސްމީކޮށް ހުޅުވާފައެވެ.