ޤައުމީ ވަޤުފު ކުންފުނި ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އުފައްދަވާފައެވެ. މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ރައީސްގެ ޚާއްސަ ޤަރާރަކުންނެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވަޤުފަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ޚާއްޞަ މަފްހޫމެއްކަމަށެވެ. އަދި އެއީ އިންސާނީ މަންފާއާ ގުޅޭ އެތައް ފަށަލަތަކެއް ލާމެހިގެންވާ އިލާހީ ޙިކްމަތްވަންތަކަމާއި އޯގާވަންތަކަމުގެ ދަލީލެއްކަމަށެވެ.
ރައީސް ވިދާޅުވީ، ވަޤުފުގެ ސަބަބުން އިޤުތިޞާދީ ހަރުދަނާ ބިންގަލެއް އެޅޭކަމަށާއި ވަޤުފުގެ ސަބަބުން އެ ބިންގަލުގެ މަތީގައި ފަރުދީ އިޖުތިމާޢީ މަންފާގެ ބިނާތައް އާރާސްތުވެގެންދާކަމަށެވެ. އިސްލާމީ ތާރީޚަށް ބަލާއިރު، ވަޤުފުގެ ނިޒާމުގެ ތެރެއިން އެކި ދާއިރާތަކަށް މީހުން ބިނާކުރެވި އިޖުތިމާޢީ ފެންވަރު މަތިކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ފިކުރީ ޢިލްމީ ސިކުނޑިތައް އުފެއްދިފައިވޭ. ވަސީލަތުގެ ގޮތުން މިސްކިތްތައް ބިނާކުރެވިފައިވޭ. ލައިބްރަރީތަކާއި އިސްލާމީ މަރުކަޒުތަކާއި އަދި އެ ނޫނަސް، އިސްލާމީ މުޖުތަމަޢުގެ އާންމު ބާއްޖަވެރިކަމަށް ބޭނުންވާ މާއްދީ މާނަވީ ފުރުޞަތުތައް ވަޤުފުގެ ތެރެއިން އުފައްދައި އޭގެ މަންފާ އުއްމަތަށް ފޯރުވައިދެވިފައިވޭ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ދީނީކަންކަމަށް ބޮޑެތި ހޭދަތައް ކުރަން އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ. އަދި އެކި ސަރަހައްދުތަކުގައި ޒަމާނީ އުސޫލުތަކަށް މިސްކިތްތައް ބިނާކުރަން ބޭނުންފުޅުވާކަމަށާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރަން ބޭނުންފުޅުވާކަމަށެވެ.
އެހެންކަމުން ޤައުމީ ވަޤުފު ކުންފުނި ވެގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި އާބާތުރާ ފިލުވުމާއި މަރާމާތު ކުރުމާއި ވަޤުފު އިމާރާތްތައް ބިނާކޮށް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކުންފުންޏެއްގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.
"މާތް ﷲގެ ވާގިފުޅާއެކު މިއަދު މި އުފެއްދި ޤައުމީ ވަޤުފު ކުންފުނި ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް. އަޅުގަނޑުމެންގެ ހޭދަޔާއި ހެޔޮކަމުގެ ބުރަދަން ރަމްޒުކޮށްދޭ ތިލަފަތަކަށް. މި ކުންފުނި ވެގެންދާނީ އިރާދަކުރެއްވިއްޔާ ޤައުމީ އިޖުތިމާޢީ އަދި އުމްރާނީ ވެށްޓަށް ލިބޭ ޚާއްޞަ ޒީނަތަކަށް. 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނޭ ވަސީލަތަކަށް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް އުފެއްދެވި ކުންފުންޏެކެވެ.
ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް މި ކުންފުނިން ކުރާނެއެވެ.
ރައީސްގެ ޤަރާރުގައި ވަނީ އެ ކުންފުނީގެ ދަރަންޏަށް ޝަރުޢީ ބޭނުންތަކަށާއި އެހެން ހުރިހާ ހާލަތެއްގައިވެސް ސަރުކާރުން ޒިންމާވާނީ ކުންފުނީގެ ހިއްސާއިން އުފެއްދުމަށް ކަނޑައަޅާފައިވާ ރައުސްމާލުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންނަށް ސަރުކާރުން ދައްކާފައި ނުވާނަމަ އެ މިންވަރަަކަށްކަމަށެވެ. އަދި ކުންފުނީގެ ރައުސްމާލަކީ 100 ރުފިޔާގެ 1،000،000 ރުފިޔާގެ ހިއްސާގެ މައްޗަށް ބަހާލާފައިވާ 100 މިލިޔަން ރުފިޔާކަމަށް ޤަރާރުގައިވެއެވެ.