ޚަބަރު

"ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ އިސްލާމްދީން"


  • އިސްލާމީ ޙިދާޔަތަކީ ޤައުމުގެ އެއްބައިވަންތަކަމުގެ އަސާސްކަމަށް ވިދާޅުވި

  • އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކަށް ވިސްނާ ބަޔަކަށްވުމަށް އިލްތިމާސްކުރެއްވި

ދިވެހީން ޤައުމުގެ ދިފާޢުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށެނީ ދީން ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކެއްގެ ތެރޭންކަމަށާއި ދިވެހި ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނަކީ މާތްވެގެންވާ އިސްލާމްދީންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންނަށް ލިބުނު އިސްލާމީ ޙިދާޔަތަކީ ދެ ދުނިޔޭގެ ޙަޔާތަށް މާތްﷲ ދެއްވި ރަޙުމަތެއްކަމަށެވެ. ބާތިލު ޝިރުކުގެ ބޯ ޖަންގަލިން ނެރެ، އިންސާނީ ވަންތަކަމުގެ ޙުރުމަތް ދިނީ މި ދީންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޙިދާޔަތުން ދޭ ފުރިހަމަ ފިލާވަޅު ލިބިގަތުމަށް، 900 އަހަރު ކުރިން، ރާއްޖެއަށް އިސްލާމުދީން އައުމުގެ ކުރިން އޮތް ހާލަތާއި މި މާތް ދީން ގެނައި ބަދަލަށް ވިސްނަންޖެހޭކަމަށެވެ.

އިސްލާމީ، ފަރުދީ، ޙަޔާތާއި އިޖުތިމާޢީ، ސިޔާސީ އަދި ޤައުމީ ޙަޔާތަށް ގެނައި ރައްކާތެރިކަމާއި އުއްމީދާއި އުފަލަކީ ދަންނަންޖެހޭ އަދި ދަރިންނާއި ދަރީންގެ ދަރިންނަށް ފޯރުކޮށްދޭންޖެހޭ ހަޤީގަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާމީ ޝަރީއަތުން ކޮންމެ މީހަކަށް ފޯރުކޮށްދޭ ޙިމާޔަތާއި ރައްކާތެރިކަމާމެދު ވިސްނަންޖެހޭކަމަށެވެ. އެގޮތުން ދީނީ ރައްކާތެރިކަމާއި ދިރުހުރުމުގެ ޙައްގާއި، ބުއްދީގެ ރައްކާތެރިކަމާއި، ކޮންމެ އިންސާނެއްގެ އަބުރުވެރިކަމާއި ޢިއްޒަތް ރައްކާތެރިކުރުމަކީ މި ދީނުގެ ރިވެތި އަސާސުތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދު ޙާޞިލުވާ ގޮތަށް، އަޅުގަނޑުމެން އިސްލާމްދީން ތަންފީޒުކުރަމުން ދާ ނަމަ، އަޅުގަނޑުމެން ވާނީ އެކަކު އަނެކަކާ މެދު ހިތްހެޔޮ އަޚުންތަކަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކެއްގެ އިޙުސާސުތަކުގައި އަނެކަކު ބައިވެރިވާ، އެކެއްގެ މަސައްކަތާއި ޤުރުބާނީގައި އަނެކާ ބައިވެރިވާ އެހީތެރި ވާގިވެރި އަދި ފިސާރި ވިސްނުންތޫނު ދުރުފެންނަ، ޢިލްމުވެރިކަމާއި ޙިލްމުވެރިކަމުގައި އެހާމެ ފުން ތަހުޒީބު ބަޔަކަށްކަމަށެވެ.

މިފަދަ ޤައުމެއްގައި އޮންނާނީ އިންތިހާ ދަރަޖައިގެ ބަދަހި އެކުވެރިކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަދަ އިންސާނީ ޖަމާޢަތެއްގައި އޮންނާނީ އެ މީހުންގެ ސަލާމަތާ މެދު އެ މީހުން ވިސްނާ އަމިއްލަ ފާރަވެރިކަމެއް. ސަބަބަކީ އޭގެ ތެރޭން ކޮންމެ މީހަކަށް ވެސް އެނގޭ މިއީ އެއް އާއިލާއެއްކަން. އެއްބައެއްކަން. އޭގެ ތެރޭން ކޮންމެ މީހަކަށް ވެސް އެނގޭ އަނެކާއަށް ލިބޭ ކިތަންމެ ކުޑަވެސް ދެރަޔަކީ ހަމަ ތިމަންނައަށް ވެސް ލިބޭ ދެރައެއްކަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިފަދަ މުޖުތަމަޢުއެއްގެ ނަތީޖާއެއްގެ ގޮތުން، މުޅި ޤައުމު އަބަދުވެސް އޮންނާނީ ހޭލާކަމަށް ރައީސް ވިދާޅުވިއެވެ. އެމީހުންގެ ޢިލްމާއި ހިންމަތާއި ދުޢާއާއި އިލާހީ މަދަދު ގުޅި ލާމެހުނީމާ އެއީ ފިސާރި ރައްކާތެރި ދައުލަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހުރިހައި ހާލަތެއްގައި ހުރިހައި މާނައެއްގައި މިނިވަންކަމުގެ ދިދަ އުފުލަން އެނގޭ އުފުލަން ކެރޭ އުފުލާނެ ދައުލަތެއްގެ ގޮތުގައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެ މީހުންނަށް ދީނީ ގޮތުން ވެސް، ސިޔާސީ ގޮތުން ވެސް، ސިޔާދަތުގެ ގޮތުން ވެސް ގެއްލުމެއް ލިބުނަކަ ނުދޭނެ. އެ މީހުންނަކީ އެތެރެއާއި ބޭރުން އުފެދިދާނެ އަދި އަތުވެދާނެ ނުރައްކަލަކުން ޤައުމާއި ވަޠަން ސަލާމަތްކުރުމަށް ޓަކައި، ސަމާލުވެ ތިބޭ ބައެއް. ނަތީޖާއަކީ މި ފަދަ ޤައުމެއް ރޫޅާލާން ދަތިވުން. ނިކަމެތިކޮށްލާން އުނދަގޫވުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ދުނިޔެއާއި އާޚިރަތުގެ އަބާއްޖަވެރިކަމުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ދިވެހި ކާބައިން ހިޖުރަކުރިކަމުގެ ޝަރަފުވެރި އުފާކަމަށެވެ. މާޒީގެ ލޯގަނޑަށް ބެލީމާ ފެންނަނީ އަޅުގަނޑުމެންނަ ލިބުނު ނަސީބު ނަމަވެސް މުސްތަޤުބަލުގެ އުދަރެއްހަށް ބެލީމާ ފެންނަނީ އަޅުގަނޑުމެން ހާސިލުކުރަން ޖެހޭ މަޤުޞަދުތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމް ދީނުގެ މަތިވެރި ނަސީބު އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ގޮވާލައްވާފައެވެ.