ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް ރަމަޟާންމަހަށް ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ 2024 އަހަރުން ފެށިގެން އެކިއެކި އިނާޔަތްތައް ރައްޔިތުންނަށް ހަމަޖައްސައިދެއްވަމުންނެވެ. އެގޮތުން ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަކީ މިގޮތުން ކުރައްވާ އެއް މަސައްކަތެވެ. މިދިޔަ އަހަރުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން ވަނީ 130 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައެެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދޭ 3 ވަނަ ފަހަރެވެ.
ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ.… pic.twitter.com/LExeaKUNQj
— STELCO (@STELCOMALDIVES) February 14, 2026
ސްޓެލްކޯއިން ސޯޝިއަލް މީޑިއާގަައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިމަހުގެ 16 އަދި 17 ވަނަ ދުވަހު އެ މަސައްކަތް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
ރަމަޟާންމަހާ ދިމާކޮށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމެވުމުގެ އިތުރުން ރައްޔިތުން ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ގޭބީސީއަކަށް މަސް ދަޅު ކޭހެއްވެސް ހަދިޔާކުރައްވާފައެވެ. އަދި ސަރުކާރުން ގެންދަވަނީ ކާބޯތަކެތީގެ އަގުތައް އުފުލުނަނުދީ ހިފެހެއްޓުމަށްވެސް މަސައްކަތްކުރައްވަމުންނެވެ.
މީގެއިތުރުން އާއިލާއާއި އަޅުކަމަށް ވަގުތު ޚާއްސަކޮށްދެއްވުމުގެ ރަމަޟާންމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން ދެއްވާފައިވާ ހަދިޔާތަކާއި އިނާޔަތްތަކާއެކު ރަމަޟާން މަހާއި ދިވެހިން މިހާރު ބައްދަލުކުރަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއެކުއެވެ.