ރޭޑިއޯ މެދުވެރިކޮށް ޢާންމު މަސްލަޙަތު ޙިމާޔަތްކޮށްދީ މިދާއިރާގެ ޚިދުމަތްތެރިންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ރޭޑިއޯ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބެއްގައެވެ. ބައިނަލްއަޤްވާމީ ގޮތުން ރޭޑިއޯ ދުވަސް ފާހަގަކުރަނީ، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް ޒަމްޢަތު އަޙްމަދު ވަޙީދު ވިދާޅުވީ، 1962ގައި ރާއްޖެއަށް ރޭޑިއޯ ތަޢާރަފްވެ ރޭޑިއޯއިން ދެމުންދާ ޚިދުމަތްތައް ފުޅާވަމުންދިޔައިރު، ދުނިޔޭގެ މުވާސަލާތީ ނިޒާމަށް 19 ވަނަ ޤަރުނުގައި އައި އެންމެ ބޮޑު އިންޤިލާބު ކަމުގައިވާ ރޭޑިއޯގެ ޚިދުމަތް ރާއްޖޭގައި ދެމުން ގެންދާތާ 64 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
ޒަމްޢަތު ވިދާޅުވީ، މި ދުވަސް ފާހަގަކުރަމުންދާއިރު ރާއްޖޭގައި ލައިސަންސް ދީގެން 2 ރޭޑިއޯ ޗެނަލެއް ހިނގަމުންދާ ކަމަށެވެ. ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައެއް ހިއްސާކުރާ ރޭޑިއޯއަކީ ރަށްތައް ގުޅުވާލަދޭ ތަފާތު ކަންކަމަށް ރައްޔިތުން ލޯ ހުޅުވައިދީ، ކާރިސާތަކާއި ހާދިސާތަކުގެ ވަގުތުގައި ރައްޔިތުންނަށް އެންމެ އަވަހަށް އެ މައުލޫމާތު ފޯރުކޮށްދީ، ޚަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް މިއީ ކިހާ މުހިންމު ވަސީލަތެއްކަން އެނގިގެން ދިޔައީ މިފަހުގެ ތާރީޚެއްގައި ކުރިމަތި އެންމެ ބޮޑު ކާރިސާ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން ކަމަށެވެ.
"އަޅުގަނޑުމެންގެ ޤައުމުފަދަ ކުޑަ ޖަޒީރާ ޤައުމަކަށް މީ ކިހާ މުހިންމު ވަސީލަތެއްކަން އެނގިގެން ދިޔައީ މިފަހުގެ ތާރީޚުގައި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން. މުވާސަލާތީ ވަސީލަތްތަކުގެ ޚިދުމަތްތައް މެދުކެނޑިގެން ދިޔަ ވަގުތު މި ކާރިސާގެ ތަފްސީލުތައް ވަގުތުން ވަގުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެނެސްދެއްވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްޔިތުންގެ އަޑުތައް ގުޅުވައިދެނީ، ރޭޑިއޯ މެދުވެރިކޮށް ދިވެހިރާއްޖޭގެ އަޑުން. ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުން އެދުވަހުވެސް ދެއްވި ޤައުމީ ޚިދުމަތަކީ، ދިވެހި ލޭހިނގައި ދިވެހި ލޭނގައި ކޮންމެ ދަރިއެއްގެ ހިތުގައި އެކަން ފާހަކުރާނެ ކަމެއް." ޒަމްޢަތު ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް ޒަމްޢަތު އަޙްމަދު ވަޙީދު ވިދާޅުވީ، ސުނާމީ ކާރިސާ ފަދަ ކާރިސާތަކާއި މިނޫންވެސް ތަފާތު ހާލަތްތަކުގައި ރޭޑިއޯގެ ދައުރު ފުޅާވެފައި މުހިންމުވެފައިކަން ހާމަކޮށްދޭ ކަމަށެވެ.
1962 ވަނަ އަހަރު ފެށިގެން ދިވެހިންގެ ދިރިއުޅުމުގެ ކޮންމެ ވަގުތަކީ، ރޭޑިއޯގެ އަޑާއި ގުޅިފައިވާ ވަގުތެއް ކަމަށާއި މުޅި މުޖުތަމަޢު ބިނާކުރުމާއި ރޭޑިއޯ ކޮށްދިން ޚިދުމަތްތަކަކީ ތާރީޚުން ފުހެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ޓެކްނޮލިޖީ ކުރިއަރައިގެންދާ މި ފަދަ ޒަމާނެއްގައި ރޭޑިއޯވެސް ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި ކުރިން ހަމައެކަނި އެންޓަނަރއިން އަޑުއެހި ރޭޑިއޯ މިއަދު އިންޓަރނެޓާއި، މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އަޑު އަހާލެވޭކަން ޒަމްޢަތު ފާހަގަކުރެއްވިއެވެ.
ޒަމްޢަތު ވިދާޅުވީ، ދިވެހިރާއްޖޭގެ މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އަމާޒަކީ، މި ވަސީލަތް މެދުވެރިކޮށް ޢާންމު މަސްލަޙަތު ޙިމާޔަތްކޮށްދީ އިސްލާމްދީނުގެ އަސާސްތައް ދަމަހައްޓައި ދުސްތޫރީ ހަމަތައް ހިފަހައްޓައި ދިވެހި ބަހާއި، ސަޤާފަތް ކުރިއެރުވުމުގެ ވަސީލަތެއްކަން ކަށަވަރު ކުރުން ކަމަށެވެ. އަދި މިދާއިރާގެ ޚިދުމަތްތެރިންނަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ މި ނޫންވެސް އެކި ގޮތްގޮތުން އެޙިތެރިވެދޭނެ ގޮތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
ޚަބަރާއި، މައުލޫމާތު ގެނެސްދޭ މިފަދަ ވަސީލަތްތަކަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ޚަބަރާއި ޚިޔާލާއި މައުލޫމާތުތައް އިންސާފްވެރި އަދި އިޚްތިރާމް ލިބިގެންވާ ވަސީލަތްތަކަކަށް ވާންވާނެ ކަމަށް ޒަމްޢަތު ވިދާޅުވިއެވެ. ރޭޑިއޯ ދުވަހަކީ، އެކަކު އަނެކެއްގެ ކަރާމަތާއި ޒިންމާތަކުގެ ހަނދާންތައް އައު ކޮށްދޭ ދުވަހެއްގެ ގޮތުގައި ބަލައި އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމަށް ތެދު ޚަބަރާއި، މައުލޫމާތު ގެނެސްދިނުން މުހިންމު ކަމަށް ޒަމްޢަތު ވިދާޅުވިއެވެ. އުންމީދުކުރަނީ ރައްޔިތުން ބިނާކުރުމާއި ތެދު މައުލޫމާތު ހަރުދަނާކަމާއެކު ފޯރުކޮށްދިނުމުގައި ރޭޑިއޯގެ ދައުރު ފުޅާވުން ކަމަށްވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް ޒަމްޢަތު އަޙްމަދު ވަޙީދު ވިދާޅުވިއެެވެ.