ޚަބަރު

ރައީސްގެ ވައުދާ އެއްގޮތައް ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފި


  • ހަފުތާގެ 2 ދުވަހު ދަތުރުކުރާނެ

  • ދަތުރުތައް އޮންނާނީ ބުރާސްފަތި އަދި ހޮނިހިރުގައި

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ފަށައިފިއެވެ. ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދެކެވެ.

ތޮއްޑޫއަށް ސީޕްލޭން ދަތުރުތަށް ފެށުން ފާހަގަކުރުމަށް ތޮއްޑޫގައި ވަނީ ސަގާފީ ހަރަކާތްތަކާއެކު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވަނީ ބައިވެރިވެފައެވެ. އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އިސްބޭފުޅުން އަދި ތޮއްޑޫގެ ކައުންސިލްގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގެ ތެރެއިން ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދެވުނު މަސައްކަތެއްކަމަށެވެ.

ސަލީމް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށަށް އެކި ބޭނުންތަކުގައި ކަނޑުމަގުން ދަތުރުކުން ވެފައިވަނީ ވަރަށް ބޮޑު ތަކުލީފަކަށްކަމަށެވެ. އެހެންނަމަވެސް މި ފެށުނު ދަތުރުތަކާއެކު މިކަމަށް ހައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ތޮއްޑޫއަށް މިފެށި ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެކަމަށެވެ. އަދި ޑިމާންޑު އިތުރުވާނަމަ ދަތުރުތައް އިތުރުކުރާނެކަމަށް ސަލީމް ވިދާަޅުވިއެވެ.

"އައިލަންޑު އޭވިއޭޝަންއިން މިފެށި ދަތުރުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނަން. ޑިމާންޑު އިތުރުވާވަރަކަށް ދަތުރުތައް އިތުރުކުރެވިގެންދާނެ. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ލުއިފަސޭހަ ، އަދި އިޤްތިސޯދު ގޮތުން ކުރިއެރުވުންކަމަށް ވިދާޅުވި." ސަލީމް ވިދާޅުވިއެވެ.

ދަތުރުތަށް ފެށުމަށް ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް ތޮއްޑޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމުގެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. މޯލްޑިވިއަންއިން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު ދެދުވަހުއެވެ. އެގޮތުން ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، ދިވެހިންނަށް ޚާއްސަ ފެއަރ އެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 799 ރުފިޔާއަށް ލިބޭނެއެވެ.

މޯލްޑިވިއަނުން ވިދާޅުވީ ސީޕްލޭންގެ ޚިދުމަތް އިތުރު ރިސޯޓުތަކަށް ފެށުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެގޮތުން އިތުރު ބޯޓުތައް ހޯދާ ރިސޯޓުތަކަށް ކުރާ ދަތުރުތައް އިތުރުކުރާނެކަމަށް ކުންފުނިން ވިދާޅުވިއެވެ.