ޚަބަރު

ގޯއްޗާއި ފްލެޓަށް އެދި 3600 އަށްވުރެ ގިނަ ފޯމް، އެންމެ ގިނަބަޔަކު ފްލެޓަށް!


  • ޕެންޑިންގ ސްޓޭޖުގައި 10000އަށް ވުރެ ގިނަ ފޯމް

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މިހާތަނަށް 3600އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާކަމަށާއި، މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކަށް ބަލާއިރު ފެލްޓަށް އޮތް ޑިމާންޑު ބޮޑުކަން ފާހަގަކުރެވޭކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ ސަރުކާރުން ހުޅުވާލާފައިވާ އާއިލީ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 3651 އެޕްލިކޭޝަނެއް ފުރިހަމަކޮށް ހުށަހަޅާފައިވާކަމަށެވެ. އަދި ޑްރާފްޓް މަރުހަލާގައި 10،000 ވަރަކަށް އެޕްލިކޭޝަންގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރެއިންވެސް ފްލެޓަށް ކުރިމަތިލާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވޭކަމަށް ވަޒީރު ޑރ. މުއްްޠަލިބް ވިދާޅުވިއެވެ.

"ފްލެޓުގެ ޑިމާންޑު ވަރަށް ބޮޑަށް އެބައޮތް. ވަރަށް ގިނަ ފަރާތްތަކުން ބޭނުން އެބަވޭ އެފަރާތްތަކުގެ އާއިލާއަށް ވަގުތުން ބޯހިޔާވަހިކަން ލިބެން. ބިމެއް ލިބިއްޖެއްޔާ އެތަން ތަރައްޤީކުރަން ޖެހޭނެ. ނީޑް އޮތީމަ އެފަރާތްތަކުން ކުރިމަތިލަނީ ބޮޑަށް ފްލެޓްތަކަށް. އެހެންވީމަ ފްލެޓްތަކުގެ ޑިމާންޑް ފުދޭވަރަކަށް ބޮޑުކޮށް ފެންނަނީ" ވަޒީރު ޑރ. މުއްްޠަލިބް ވިދާޅުވިއެވެ.

ގިނަ ވަގުތު ނެގިކަމުގައި ވީނަމަވެސް ފޯމު ރަނގަޅަން ފުރިހަމަކުރުމަށް ދެއްވާ އިރުޝާދު ތަކުރާރުކުރައްވަމުން ވަޒީރު ވަނީ މިފަހަރުގެ ސްކީމްގެ ދަށުން އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އިސްކަންދީ އެކަން ކަށަވަރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބޭނެއެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެންބަރު މަހުގެ 16ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ.