ޚަބަރު

ލ. ގަމުގައި ފުލުހުންނަށް ޚާއްސަ އެކޮމަޑޭޝަން އިމާރާތެއް ހުޅުވައިފި


  • މިއީ 50 މީހުންގެ ޖާގައިގެ އިމާރާތެއް

ލ. ގަމުގައި މަސައްކަތްކުރާ ފުލުހުންނަށް ޚާއްސަކޮށްގެން ހެދި އައު އެކޮމޮޑޭޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ އަތޮޅުތަަކުގައި ފުލުހުން ދޭ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށާއި، ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު މަޝްރޫއެކެވެ.

މިކަމަށްޓަކައި ގަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްލަ ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ މި އެކޮމޮޑޭޝަން ބްލޮކަކީ 50 ފުލުހުންގެ ޖާގައިގެ އިމާރާތެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އާ އިމާރާތުގެ ސަބަބުން ގަމުގައި މަސައްކަތްކުރާ ފުލުހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަސީލަތްތައް ތަރައްގީކޮށް، ފުލުހުންނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. މިއީ ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.