ޚަބަރު

ކުދި ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމަށް، މާލީ އެހީދޭ ސްކީމެއް!


  • ފެސިލިޓީގެ ދަށުން 2 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރޭ

  • ރަހުނަކާ ނުލައި 1 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ

  • އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް

އެސްއެމްއީ ޑިޖިޓަލްއިން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ވޯކިންގ ކެޕިޓަލް ފައިނޭންސިންގ" ކުޅުދުއްފުށި ސިޓީގައި އިފްތިތާހްކޮށްފިއެވެ. މިއީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ކުރު މުއްދަތުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހިންގުމުގެ ހަމަޖެހުން ދެމެހެއްޓުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސްކީމެކެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ އަލަށް ތައާރަފުކުރި ވޯކިންގކެޕިޓަލް ފައިނޭންސިންގ ފެސިލިޓީއަކީ ވިޔަފާރިތަކުގެ ކޭޝް ފްލޯ މެނޭޖްކުރުމަށާއި، މުދާ ގަތުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ހިދުމަތެއްކަމަށެެވެ. މި ފެސިލިޓީގެ ދަށުން 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރާއިރު، ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ. މީގެ އިތުރުން މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާތާ މަދުވެގެން 6 މަސްވެފައިވާ ވިޔަފާރިތަކަށެވެ.

މި ޕްރޮޑަކްޓް އިފްތިތާހު ކުރަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއިއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ވިޔަފާރިތައް މެދުނުކެނޑި ކުރިއަށް ދިއުމަށް ހަމައެކަނި ބޭނުންވަނީ އިންވެސްޓްމަންޓް ފައިނޭންސިންގ ނޫންކަމަށް ދެނެގަނެވިފައިވާކަމަށެވެ. އެސްއެމްއީ ޑިޖިޓަލްއަށް ހުށަހަޅާ ގިނަ ފަރާތްތަކަކީ ކުރު މުއްދަތުގެ ކޭޝްފްލޯގެ ދަތިތަކުން ސަލާމަތްވުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކެއްކަމަށާއި ވޯކިންގ ކެޕިޓަލް ފައިނޭންސިންގ ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތައް ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ލުއި ފައިނޭންސިންގގެ ސަބަބުން ވިޔަފާރިތަކަށް އެމީހުންގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެކަމަށް ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.

މި ޕްރޮޑަކްޓް ތައާރަފުކޮށްފައިވަނީ މާރިޗު 27 އިން 29 އަށް އެސްއެމްއީ ޑިޖިޓަލްގެ ޓީމުން ކުޅުދުއްފުށި ސިޓީއަށް ކުރި ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގައި އެ ސިޓީގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، ރަށުގެ މުޖުތަމައުއާ އޮންނަ ގުޅުން ވަނީ ބަދަހިކޮށްފައެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރި މާލީ ފުރުސަތުތަކާ ގުޅޭގޮތުންނާއި ފައިނޭންސަށް އެދެން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ދަތުރުގެ ތެރެއިން، މާރިޗު 27 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި "ސޭލްސް އެންގޭޖްމަންޓް" އިވެންޓެއް ބާއްވައި، މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކުގެ މަޢުލޫމާތު ދިނުމާއި، އެޕްލިކޭޝްން ހުށަހެޅުމުގައި އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، މާރިޗު 28 ވަނަ ދުވަހު އެ ސިޓީގެ ހޮނިހިރު ބާޒާރަށް ޒިޔާރަތްކޮށް، ވިޔަފާރިތަކަށް ހުރި މާލީ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރަށުގެ ގިނަ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެސްއެމްއީ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައްވެސް ވަނީ އޮޅުންފިލުވާފައެވެ.

ވޯކިންގ ކެޕިޓަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިއެވެ.