މިދައުރުގެ މިހާތަނަށް ޙާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުން ހިފްޒު ކޮމިޓީތައް އިތުރުކޮށްފައިވާކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ. ހާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި މިދިޔަ 2 އަހަރުވެސް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ރައީސްގެ ރިޔާސީ ބަޔާނާ ގުޅިގެން ޕީއެސްއެމްއިން ގެނެސްދޭ ރިޔާސީ ބަޔާނުގައި ވާހަކަދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސައުދާން ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ހިފްޒު ކްލާސްތަކުގައި މިހާރުވެސް 1800އާ ގާތްކުރާ އަދަދަކަށް ދަރިވަރުން ތިބިކަމަށެވެ. އަދި މުރާޖަޢާ ކްލާހުގައި މިހާރުވެސް 8 ކުދިން ހިފްޒު ކޮމިޓީއަށް ކިޔާދިނުމަށް ތައްޔާރަށް ތިބިކަމަށް ސައުދާން ވިދާޅުވިއެވެ.
ސައުދާން ވިދާޅުވީ ހާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން މިދައުރުގެ ތެރޭގައި ހިފްޒު ކޮމިޓީތައް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސީޓީގައިވެސް ހިފްޒު ކޮމިޓީ އެކުލަވާލާފައިވާކަމަށް ވިދާޅުވިއެވެ. އަދި ފުވައްމުލައްސިޓީ އާއި އައްޑޫ ސިޓީގައިވެސް ހިފްޒު ކޮމިޓީތައް އެކުލަވަލާފައިވާކަމަށް ސައުދާން ވިދާޅުވިއެވެ.
"ޙާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ކޮންމެ ރަށެއްގައި ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މިއިން ކޮންމެ ސެންޓަރެއްގައިވެސް ހިފްޒުގެ ބައި ހިމެނޭނެ. އެކި ލެވެލްގެ ކްލާސްތައްވެސް ހިންގާނެ." އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސައުދާން ވިދާޅުވިއެވެ.
ސައުދާން ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުގެ އެކި ގޮފިތަކުގައި ކިޔަވާ ދަރިވަރުންނަށް ކިޔަވައިިދިނުމަށް މުދައްރިސުންގެ ގޮތުގައި ބިދޭސީ ހާފިޒުން ގެންނަކަމަށެވެ. އެގޮތުން މިހާރުވެސް އެކި ރަށްރަށުގެ ސެންޓަރުތަކުގައި 7 ބިދޭސީ މުދައްރިސަކު ކިޔަވައިދެމުންދާކަމަށެވެ. އަދި ރޯދައިގެ ކުރިން އިތުރު 10 ބިދޭސީ ހާފިޒުން ގެނައުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޙާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން ކީރިތި ޤުރުއާން ހިދުތަސްކޮށްދޭ ޖަމްޢިއްޔާތަކާއި އިންސްޓިޓިއުޓްތައް ހޯދާ އެ ޖަމްޢިއްޔާތަކަށް މާލީ ގޮތުންނާއި ފަންނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ސައުދާން ވިދާޅުވިއެވެ.
ޙާފިޒުން ތަމްރީންކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތްތަކާއެކު މިހާރު ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް ވަނީ އަރާފައެވެ. ރޯދަމަހުގެ ކުރިން ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 300 އަށް އަރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. ޙާފިޒުންގެ ޢަދަދު އިތުރުކުރުމުގެ އިތުރަށް ސަރުކާރުން ވަނީ އެމީހުންގެ އަގުވަޒަންކުރުމަށް ކުރާ މަސައްކަތްވެސް ފުޅާކޮށްފައެވެ. އެގޮތުން ޙާފިޒުންގެ ދަސްވެނިވުމަށް ޚާއްސަ ޖަލްސާއެއް ބާއްވާ ދަސްވެނިވާ ހުރިހާ ފަރާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވަންވަނީ ފައްޓަވާފައެވެ. އަދި ހާފިޒުންނަށް ދެމުން އައި އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށްވެސް ވަނީ ބޮޑުކޮށްފައެވެ.