ޚަބަރު

ގްރީންއިން ހިންގީ މެޗް ފިކްސިންގެ އަމަލެއް، ފީފާއަށް މައްސަލަ ހުށަހަޅާނަން: ވެލެންސިއާ


ދިވެހި ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަން އޮތް މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން މެޗަށް ހާޒިރުނުވެ، ގަސްތުގައި މެޗު ދޫކޮށްލީ ކަމަށާއި އެކަމުގެ ސަބަބުން ކްލަބް ވެލެންސިއާގެ ހައްގަކަށް އަރައިގެންފައިވާކަމަށް ވެލެންސިއާއިން ބުނެފިއެވެ.

ލީގުގައި އެންމެފަހުން ވެލެންސިއާ ކުޅުނު މެޗުން ކްލަބް އީގަލްސްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ލީގުގައި ދެމި އޮތުމަށް އަމިއްލަ ބާރު އޮތީ ގެއްލިފައެވެ.

ލީގުގެ ރެލިގޭޝަން ޕްލޭއޮފްގައި ވާދަކުރުމަށް ވެލެންސިއާއަށް އޮތް ހަމައެކަނި އުއްމީދަކަށްވީ، ގްރީންއާއި ނިއުރޭޑިއަންޓް ބައްދަލުކުރަން އޮތް މެޗުގައި، 4 ލަނޑުގެ ތަފާތަކުން ނިއު މޮޅުވުމެވެ. އެހެން އެކަންވި ނަމަ، ފައިދާ ގޯލުގެ ތަފާތުން ކުރި ލިބި، ރެލިގޭޝަން ޕްލޭއޮފްގެ ޖާގައެއް ލިބޭނީ ވެލެންސިއާ އަށެވެ.

ކަން މިހެން އޮއްވައި ގްރީންގެ ކުޅުންތެރިން މެޗަށް ހާޒިރުނުވުމުން އެކަން ކުށްވެރިކޮށް ވެލެންސިއާއިން ނެރުނު ބަޔާނެއްގައި ބުނީ، ލީގުގައި ވެލެންސިއާ ކުޅެން އޮތް ހުރިހާ މެޗެއް މި މަހުގެ ހަތަރުވަނަ ދުވަހު ނިމިފައިވުމުން، އޭގެ ފައިދާ ނަގައި ފަހުން ކުޅެން އޮތް މެޗަކަށް ގަސްތުގައި ހާޒިރުނުވެ ގްރީން ސްޓްރީޓްސް އަމިއްލައަށް މެޗުގެ ނަތީޖާ ކަނޑައެޅުމަކީ ވެލެންސިއާެގ ހައްގަކަށް އަރައިގަތުމުގެ އިތުރުން، ގަސްތުގައި ވެލެންސިއާ ރެލިގޭޓްކޮށްލުމުގެ ގޮތުން ކޮށްފައިވާ ހުތުރު އަމަލެއް ކަމަށެވެ.

މީގެއިތުރުން މިއީ މެޗުގައި ގްރީންއިން ވާދަކުރަން އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ލީގުގައި ވާދަކުރާ އެހެން ބައެއް ކުލަބުތަކާއި އެ ކުލަބުތަކުގެ ކުޅުންތެރިންގެ ހައްގުތަކެއް ގެއްލިގެންދާނެ ފަދަ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ގަވައިދު ބުނާގޮތުން މެޗެއް ނުކުޅެ ދޫކޮށްލައިފިނަމަ އެ ޓީމެއް ބަލިވީކަމަށް ކަނޑައަޅާނީ ދެ ލަނޑުގެ ތަފާތުންނެވެ.

މި މާއްދާގެ އެޑްވާންޓޭޖް ނަގައި، އަމިއްލައަށް ނަތީޖާ ކަނޑައެޅުމަކީ ވެސް މެޗުގެ ނަތީޖާ ފިކްސްކުރުންކަމަށް ބެލެވޭނެކަން ފާޙަގަކޮށް، ގްރީން ސްޓްރީޓްސްއަށް މެޗް ފިކްސިންގެ ތުހުމަތުވެސް ވެލެންސިއާއިން ކޮށްފައިވެއެވެ.

މިއީ ކުޅީވަރުގެ އަގުމާތްވި އަޚުލާގާއި ޚިލާފު ކަމެއް ކަމަށާއި ކުޅިވަރަކީ ދެ ފަރާތުން ވާދަކޮށްގެން ނަތީޖާ ކަނޑައަޅަންޖެހޭ އެއްޗެއް ކަމަށް އަދި މެޗް ފިކްސިން އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ވެސް އެންމެ ބޮޑު އަދަބުދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެލެންސިއާގެ ބަޔާނުގައި ފާޙަގަކޮށްފައިވެއެވެ.

މިހެންކަމުން، ގްރީން ސްޓްރީޓްސްގެ މި އަމަލަކީ ގަސްތުގައި ކުލަބު ވެލެންސިއާގެ ހައްގެއް ނިގުޅައިގަތުންކަމަށް ވުމުން، މެޗު ފިކްސިންގެ މި މައްސަލަ ބަލައި، ވެލެންސިއާގެ ހައްގު ހޯދައިދިނުމަށް އެ ކުލަބުން ވަނީ މި ބަޔާނުގައި އެފްއޭއެމް އަށް ގޮވާލާފައެވެ.

އަދި މި މައްސަލަ އެ ކުލަބުން ފީފާއާއި އޭއެފްސީއަށް ވެސް ހުށަހަޅާނެކަމަށް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ގަވައިދުގައިވާ ގޮތުން ނަމަ، ގްރީންގެ ކުޅުންތެރިން މެޗަށް ހާޒިރުނުވުމުން، އެ ޓީމުން މެޗު ދޫކޮށްލީކަމަށް ބަލައި ޑިސިޕްލިނަރީ ކޮމިޓީން މި މައްސަލަ ބަލާނެއެވެ. އަދި 25،000ރ އިން އެ ޓީމު ޖޫރިމަނާވެސް ކުރާނެއެވެ.