މާފަންނު ސްޓޭޑިއަމްގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ފަންޑުކޮށްގެން ހަދަމުންދިޔަ ސްޕޯޓްސް އެރީނާ އާއި ފުޓްބޯޅަ އިދާރާގެ އޮފީސް އިމާރާތް ހިމެނޭ ބިން ހުސްކުރަމުން އެބަދެއެވެ.
މާފަންނު ސްޓޭޑިއަމްގައި ހަދާފައިހުރި ގުދަންތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ މުދާތައް ނެރެ އެތަން ހުސްކުރުމުގެ މަސައްކަތް އަންނަނީ ބާރު ސްޕީޑުގައި ކުރިޔަށް ގެންދަމުންނެވެ.
ފިލަޔާއި، ސިމެންތި އާއި އެކި ކަހަލަ ފަރުނީޗަރު ފަދަ ތަކެތި ގުދަންކޮށްފައިވާ މި އިމާރާތް ހުސްކޮށް އެފްއޭއެމާއި ހަވާލުކުރުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ. އަދި އެ ބިމުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނެގުމަށްވެސް ވަނީ އަންގާފައެވެ. ސްޓޭޑިއަމް ސަރަހައްދުގައި އެ ގުދަންބަރިއާއި ހަމައިން ފެށިގެން ޓެނިސް ކޯޓާއި ހަމައަށް އޮތް ހުސްބިމަކީ އެމްއޭއެމްގެ ސްޕޯޓްސް އެރީނާ އާއި އޮފީސް އިމާރާތަށް ދިފައިވާ ބިމެކެވެ.
މިއީ އެފްއޭއެމްގެ ކުރީގެ މެނޭޖުމެންޓުން ގަވާއިދާ ހިލާފަށް އަމިއްލަ ފަރާތްތަކަށް ދީފައިވާ ބިންތަކެކެވެ. މި ބިމަކީ ކުޅިވަރު ވުޒާރާއިން އެފްއޭއެމްގެ އޮފީސް އިމާރާތާއި ސްޕޯޓްސް އެރީނާއެއް ފީފާގެ ހަރަދުގައި ހެދުމަށް ދިން ބިމެކެވެ.
ފީފާގެ އެ މަޝްރޫއުގެ ދަށުން އެތަނުގައި އޮފީހަކާއި 100 އެއްހާ ކުދިންނަށް ތިބެވޭ ގޮތަށް އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ބޮޑު ޓާފް ދަނޑަކާއި ޖިމެއްގެ އިތުރުން ނަމާދުކުރާ ތަނެއް އެޅުމާއި އިތުރު ދަނޑުތައް އެޅުމަށް ޕްލޭންކުރިއެވެ.
އެތަނުގައި ހަދާފައިވާ އިމާރާތުގެ ތިރީބުރީގައި ހުރި ގުދަންބަރިން އެފްއޭއެމަށް ލިބެނީ އެންމެ ތިން ލައްކަ ރުފިޔާ ކަމަށް އެފްއޭއެމްގެ ކުރީގެ ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ބުނެފައެވެ.
އެފްއޭއެމުން ބުނެފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ކޮށި ނަމްބަރު 387 ގައި ފީފާއިން ހަރަދުކޮށްގެން ހަދަމުން ދިޔަ ސްޕޯޓްސް އެރީނާ އާއި އޮފީސް ބިލްޑިންގ ހިމެނޭ ބިމުގައި އެ އިމާރާތް ހިމެނޭ ބިން ފިޔަވާ އިތުރު ބިންތައް އެކި ކަންކަމަށް ދޫކޮށްފައިވާކަމުގެ ލިޔުން އެ އިދާރާއަށް 10 އޮގަސްޓް 2025 ގައި ލިބިފައިވާ ކަމަށެވެ.
އަދި 2017 ވަނަ އަހަރުގެ ޖެނުއަރީގައި އެ ބިންތައް އެކި ފަރާތްތަކަށް ގުދަންތައް ހެދުމާއި އެ ނޫން ކަންކަމަށް ދީފައިވަނީ އެ ބިން 50 އަހަރަށް އެފްއޭއެމަށް ދީފައިވާ މަގްސަދާއި ހިލާފަށް ކަމަށާއި، އެހެންކަމުން ބިން ދޫކޮށްފައިވާ އެއްބަސްވުންތަކަށް އަމަލު ނުކުރުމަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފައެވެ.
އެފްއޭއެމުން މިހާރު ނިންމާފައިވަނީ އެ ބިންތައް ހުސްކޮށް ފީފާއިން ހަރަދުކޮށްގެން ހަދަމުން ދިޔަ ސްޕޯޓްސް އެރީނާއާއި އޮފީސް ބިލްޑިންގާއި އިންވެގެން ބޮޑު ދެ ފުޓުބޯޅަދަނޑު ހެދުމަށެވެ.
އެހެންކަމުން ޖެނުއަރީ 6 ގައި އެ އިދާރާއިން ވަނީ އެ ބިންތައް ހުސްކުރުމަށް އަންގާފައެވެ. އެފްއޭއެމުން ދީފައިވާ މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ މުދަލަށް ލިބޭ ގެއްލުމަކަށް އެ އިދާރާއިން ޒިންމާ ނުވާނެ ކަމަށްވެސް އެފްއޭއެމްއިން ވަނީ އަންގާފައެވެ.