ޚަބަރު

އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކަށް ބަދަލުތަކެއް ގެނައުމަށް އީރާނުން ބާރުއަޅަނީ


އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ މަޝްވަރާތައް ތުރުކީވިލާތުގެ ބަދަލުގައި ޢުމާނުގައި ބޭއްވުމަށާއި، ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް ހަމައެކަނި ނިއުކްލިޔަރއާ ގުޅުންހުރި މައުޟޫތަކަށް ހަނި ކުރުމަށް އީރާނުން ބާރުއަޅައިފިއެވެ. އެއާއެކު ކުރިން ރޭވިފައިވާ ގޮތަށް ބައްދަލުވުން ކުުރިއަށް ދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ތުރުކީވިލާތުގެ އިސްތަންބޫލުގައި ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ބައްދަލުވުން ބާއްވާ ޤައުމު ބަދަލުކުރުމަށް އީރާނުން މަސައްކަތް ކުރަމުން މި ދަނީ މެދުއިރުމައްޗަށް އެމެރިކާގެ ސިފައިން އެއްކުރަމުންދާތީ ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ދެ ޤައުމުން ވެސް އެއް ޤައުމުން އަނެއް ޤައުމަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރުތައް ދެމުންދާއިރު، ސަރަޙައްދީ ޤައުމުތަކުން ދަނީ މައްސަލައަށް ޙައްލެއް ހޯދުމަށް ދެ ޤައުމަށް ވެސް ބާރު އަޅަމުންނެވެ.

ފެބްރުއަރީ މަހުގެ 3ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޢަރަބި ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރަމުން ދިޔަ އެމެރިކާގެ މަނަވަރެއް ކައިރީގައި ޙަރަކާތްތެރިވި އީރާނުގެ ޑްރޯންއެއް ވައްޓާލައިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ބޮޑެތި ހަނގުރާމަމަތީ މަނަވަރުތައް އީރާނާ ދިމާލަށް މިސްރާބު ޖަހަމުންދާއިރު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކާ ހަމައަށް ނާދެވޭ ނަމަ ގޯސް ގޮތަކަށް ކަންކަން ދިޔުން އެކަށީގެންވާ ކަމަށެވެ.

އީރާނާއެކު ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މުޝީރު، ޖާރެޑް ކުޝްނާއާއި ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއެވެ. އީރާނުގެ ފަރާތުން އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ދެ ޤައުމުގެ އިތުރުން ސަރަަޙައްދީ ޤައުމުގެ ވަޒީރުން ވެސް ބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

އީރާނުގެ ދާޚިލީ މަސްދަރަކުން ބުނި ގޮތުގައި އެ ޤައުމުން މަޝްވަރާތަކުގައި ބައިވެރިވަނީ މާ ބޮޑު އުންމީދެއް، އަދި ނާއުންމީދެއް ވެސް ނެތިއެވެ. އީރާނުގެ ދިފާޢީ ބާރުވެރިކަމަކީ އެ ކަމާމެދު ސުވާލު އުފެއްދޭނެ ކަމެއް ނޫން ކަމަށާއި، އެ ޤައުމުން ކޮންމެ ޙާލަތަކަށް ވެސް ތައްޔާރަށް އޮތް ކަމަށް އެ މަސްދަރުން ބުނެއެވެ.